ކުޅިވަރު

އެކުވެރިކަމުގެ މެޗުގައި އެމެރިކާ އަތުން އިންގްލަންޑަށް މޮޅެއް


ދުނިޔޭގެ އަންހެން ޗެމްޕިއަން އެމެރިކާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ޔޫރަޕުގެ އަންހެން ޗެމްޕިއަން އިންގްލަންޑުން ކާމިޔާބުކޮށްފިއެވެ.

އިންގްލަންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. އެއާއެކު މެޗްގެ 10 ވަނަ މިނެޓުގައި އިންގްލަންޑުން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލައުރެން ހެމްޕްއެވެ. ނަމަވެސް އެމެރިކާއިން ވަނީ މެޗްގެ 28 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޯފިއާ ސްމިތުއެވެ.

މިމެޗުން އިންގްލަންޑް މޮޅުވި ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި އެ ޓީމުން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރް ބެލުމަށްފަހު ދިން މި ޕެނަލްޓީ އިންގްލަންޑަށް ކާމިޔާބުކޮށްދިނީ ޖޯޖިއާ ސްޓަންވޭއެވެ. މިލަނޑު ޖެހިތާ މާގިނައިރު ތަކެއް ނުވެ އެމެރިކާއިން ލަނޑެއް ކާމިިޔާބު ކުރި ނަމަވެސް, ވީއޭއާރުން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި މިމެޗްގެ ދެވަނަ ހާފްގައި އެމެރިކާއަށް ލިބުުނު ޕެނަލްޓީއެއްވެސް ވީއޭއާރް ބެލުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ.

މިއީ 2017 ވަނަ އަހަރަށްފަހު އިންގްލަންޑަށް އެމެރިކާ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. މިމެޗް ބެލުމަށް ވެމްބްލީ ސްޓޭޑިއަމްއަށް ވަނީ 76 ހާސް ކުޅިބެލުންތެރިން ވަދެފައެވެ. އަދި މިކާމިޔާބީއާއެކު އިންގްލަންޑްއިން ވަނީ އެޓީމްގެ ކޯޗް ސެރިނާ ވެއިގްމަންގެ ކޯޗްކަމުގެ ދަށުން ބަލިނުވެ 23 މެޗު ހަމަކޮށްފައެވެ.