ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ)، ކުލަބު ވެމްކޯ، ފެން ކުލަބު އަދި މޯލްޑިވިއަނުން ފެށުން ރަނގަޅުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުލަބު މޯލްޑިވްސް ކަޕް ފެށިއިރު، ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އާރްއާރްސީ އާއި ޓީމު މާލެ ސިޓީ ކައުންސިލް (އެމްސީސީ) އެވެ. ހުޅުމާލޭ ރެހެންދި ފުޓްސެލް ދަނޑު އެކެއްގައި ކުޅުނު މި މެޗު އާރްއާރްސީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އާރްއާރްސީގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތް ފަހުމީ (ބިޗަޑް) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްސީސީގެ މޫސާ ހަސަން ފުޅު ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މި މެޗުގެ ދެވަނަ ހާފުގައި އާރްއާރްސީއަށް އަލުން ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ދެ ތަރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ރެހެންދި ފުޓްސެލް ދަނޑު ދޭއްގައި ކުޅުނު ގްރޫޕް އޭގެ މެޗު ވެމްކޯއިން ކާމިޔާބުކުރީ އެމްޓީސީސީ އަތުން ފަސޭހަކަމާއެކު 7-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވެމްކޯގެ އަޙްމަދު އައިހަމް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ވެމްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަލީ ޝިޔާހް (ޝިޔަޅޭ) އާއި އިބްރާހީމް މަހުދީ ހަސަން (އިއްބެ) އެވެ. މި މެޗުގައި އެމްޓީސީސީން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އާޒިމއވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ރެހެންދި ފުޓްސެލް ދަނޑު އެކެއްގައި ކުޅުނު ގްރޫޕް އޭގެ މެޗުން މިފްކޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް ކުލަބު ފެން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުލަބް ފެނުން ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ އަޙްމަދު ރައްޔާނެވެ.
އަދި ހޮނިހިރު ދުވަހުގެރޭ ރެހެންދި ފުޓްސެލް ދަނޑު ދޭއްގައި ކުޅުނު ގްރޫޕް ބީގެ މެޗުގައި މީޑިއާނެޓުގެ މައްޗަށް މޯލްޑިވިއަން ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މޯލްޑިވިއަންގެ އިބްރާހީމް ނަދާދު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި މޯލްޑިވިއަންގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހަމްދާން އަބްދުލް ސައްތާރެވެ.
ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރުވެސް 32 ޓީމު ވަނީ ބައިވެރިވެފައެވެ. އެއާއެކު މުބާރާތް ކުރިއަށްދަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުލަބު މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. އަހަރަކަށްފަހު އަހަރެއް މުބާރާތުގެ ފޯރި ގަދަވަމުން އަންނައިރު، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އޭގެ ފަހުން މި މުބާރާތް ބޭއްވީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އާރްއާރްސީން ހޯދީ ފައިނަލުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.