ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
ޖުމްލަ ފަސް ޓީމާއެކު ކުރިއަށްދާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ފުރަތަމަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން އެމްޕީއެލްއިން ކުޅުނު މެޗުން ފުރަތަމަ މެޗުން އެއްވަރުވީ އެންމެ ފަހުގެ ރަނަރަޕް ކުލަބު ވެމްކޯއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.
ހޮނިހިރު ދުވަހުގެރޭ ރެހެންދި ފުޓްސަލް ދަނޑު އެކެއްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެމްކޯއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާމިނަތު ފަޒްލާއެވެ. އަދި މި ހާފުގައި ވެމްކޯއިން މޮޅު ކުޅުމެއް ކުދެއްކިއިރު، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމަށް ވަނީ ލިބިގެން ގޮސްފައެވެ.
އެކަމަކު މެޗުގެ ދެވަނަ ހާފުގައި އެމްޕީއެލްއިން ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ. ޚާއްސަކޮށް އެ ޓީމުގެ ފަހަތުން އެންމެ އިސް ރޯލެއް އަދާކުރި ކެޕްޓަން ޝާލިޔާގެ ދައުރު މި ހާފުގައި ބޮޑެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އެމްޕީއެލްގެ ބިދޭސީ ކުޅުންތެރިޔާ ނަތަމޮން އާކްލާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ޑީއެސްސީީން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ޓީމު ފެނަކަ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
ހޮނިހިރު ދުވަހުގެރޭ ރެހެންދި ފުޓްސަލް ދަނޑު ދޭއްގައި ކުޅުނު މި މެޗުގައި ސިފައިން ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ތީބާއެވެ. ޓީމެއްގެ ސިފައިގައި މޮޅު ކުޅުމެއް ދެއްކި ޑީއެސްސީން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ 28 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ޑީއެސްސީގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ތީބާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި ފަހު ލަނޑު ޑީއެސްސީގެ މަރިޔަމް ރިފާ ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށެވެ.
ކުލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހެވެ. އެ ދުވަހުގެރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ކުލަބު އެމްވައިއެސްއެވެ. އަދި އެރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްޕީއެލް އާއި ޓީމު ފެނަކައެވެ.