ކުޅިވަރު

ސައުތެމްޓަން ބަލިކޮށް ސިޓީ އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 20 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ޖާއޮ ކަންސޭލޯއެވެ. އަދި އޭގެ 12 މިނެޓު ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ކެވިން ޑި ބްރުއިނާ ދިން ބޯޅައަކުން ފިލް ފޯޑެންއެވެ. މިއީ ޑި ބްރުއިނާ މި ސީޒަންގައި ދިން ނުވަވަނަ އެސިސްޓެވެ.

މި މެޗްގައި ސިޓީގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައު ކާމިޔާބުކޮށްދިނީ ރިޔާދު މަހްރޭޒެވެ. އަދި ސިޓީގެ ފަހު މެޗްގެ 65 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ. މިއީ އޭނާ މި ފަހަރުގެ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު ސިޓީން ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގައި 33 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާއެކު ސިޓީއަށް މިހާރު ވަނީ ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މަގާމު ލިބިފައެވެ. ނަމަވެސް ލީގުގައި އާދީއްތަ ދުވަހުގެރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ, އަނެއްކާވެސް ތާވަލްގެ އެއްވަނަ އާސެނަލަށް ލިބިގެންދާނެއެވެ.