ކުޅިވަރު

ވުލްވްސް އަތުން ޗެލްސީއަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި އަދި މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ވުލްވްސްއިން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތާ ޖެހެންދެން ޗެލްސީއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާފައެވެ.

މިމެޗްގައި ޗެލްސީން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. ދެން މި މިމެޗްގައި ޗެލްސީން ކާމިޔާބުކުރި ފަހު ލަނޑު މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާދިނީ އަރްމަންޑޯ ބްރޯހާއެވެ. މިއީ އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މިމެޗަށް ޗެލްސީގެ ކޯޗް ގްރަހަމް ޕޮޓާ ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާންމުކޮށް ފުރަތަމަ އެގާރައިން ނުފެންނަ ބައެއް ކުޅުންތެރިންނަށް އޭނާ ވަނީ މިމެޗްގައި ޖާގަދީފައެވެ.

މިކާމިޔާބީއާއެކު ޗެލްސީ ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެ ޓީމުން ނުކުޅެ މެޗެއް އޮތުމާއެކު އެއަށްވުރެ ކުރިއަށް ޖެހިލުމަކީވެސް އެކަށީގެންވާކަމެކެވެ. އަދި މި މެޗުން ބަލިވުމާއެކު ވުލްވްސް މިހާރު އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެެވެ.