ކުޅިވަރު

ގެޓާފޭ އަތުން ޗެމްޕިއަން ރެއާލަށް ހަނި މޮޅެއް


ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ގެޓާފޭގެ ދަނޑުގައި ކުޅުނު މިމެޗް ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީވެސް އެ ޓީމުގެއެވެ. މިގޮތުން މެޗްގެ ތިންވަނަ މިނެޓްގައި ރެއާލްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑާ މިލިޓާއޯއެވެ.

މިމެޗްގެ ދެވަނަ ހާފްގައި ރެއާލްއިން ދެވަނަ ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ. އަދި ރެއާލްއަށް ލިބުނު ޕެނަލްޓީއެއްވެސް ވަނީ ވީއޭއާރް ބެލުމަށްފަހު ކެންސަލް ކޮށްފައެވެ.

މި ކާމިޔާބީއާއެކު ރެއާލްއަށް ވަނީ ކުޅުނު އަށް މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި ގެޓާފޭ އުޅެނީ ހަތް ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެެވެ.