ކުޅިވަރު

ޔުވެންޓަސް އަތުން ޗެމްޕިއަން މިލާނަށް މޮޅެއް


އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުވެންޓަސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ މިލާންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މިލާނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ފިކާޔޯ ޓޮމޯރީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ވަނީ ލިބިގެން ގޮސްފައެވެ.

މިކާމިޔާބީއާއެކު މިލާން މިހާރުވަނީ ޕޮއިންޓްގެ ގޮތުން ތާވަލްގެ އެއްވަނައިގައި އުޅޭ ނާޕޮލީއާ އަރާ ހަމަކޮށްފައެވެ. ނަމަވެސް ފައިދާ ލަނޑަށް ބަލާއިރު މިލާން މިވަގުތު އޮތީ ތިންވަނައިގައެވެ. އަދި މިރޭ ނާޕޮލީން ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. އަދި މިލާން އަތުން ބަލިވުމުން ޔުވެންޓަސް ވަނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައަށް ވެއްޓިފައެވެ.