ފެންބޮޑުވުމާއި ގުޅިގެން 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޕާކިސްތާނަށް ދޭން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން ނިންމާފައިވާކަމަށް އެ ގައުމުގެ މާލީ ވަޒީރު އިސްހާގު ދާރާއި ވިދާޅުވެއްޖެއެވެ.
މިކަން އިއުލާންކޮށްފައިވަނީ އޭޑީބީގެ ކަންޓްރީ ޑިރެކްޓަރު ޔޮންގް ޔޭ ޕާކިސްތާނުގެ މާލީ ވަޒީރާއިއެކު ބޭއްވެވި ބައްދަލުވުމަށްފަހުގައެވެ.
"އޭޑީބީން ޕާކިސްތާނަށް 2.3 ބިލިއަން އެމެރިކާ ޑޮލަރާއި 2.5 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ފެންބޮޑުވުމާއި ގުޅިގެން ލިބުނު ގެއްލުތައް ހައްލު ކުރުމަށް ދޭނެ،" އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.
އެ ފައިސާގެ ތެރޭގައި ހިމެނެނީ ބިލްޑިން ރެސިލިއެންސް ވިތު އެކްޓިވް ކައުންޓަރ ސައިކްލިކަލް އެކްސްޕެންޑިޗާ، ބްރޭސްގެ ނަމުގައި ހިންގާ އެހީގެ އެއް ޕްރޮގްރާމަށް ދިން 1.5 ބިލިއަން އެމެރިކާ ޑޮލަރެވެ. އެ ޕްރޮގްރާމް އޮކްޓޯބަރު މަހުގެ ތެރޭގައި ފާސްކުރުމަށް އޭޑީބީގެ ބޯޑަށް ހުށަހަޅާނެކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
އޭޑީބީ މި އެހީ ދޭނެ ކަމަށް އިއުލާނުކޮށްފައި މިވަނީ ފެންބޮޑުވުމާއި ގުޅިގެން ލިބުނު ގެއްލުންތައް ފޫބައްދަން އިތުރަށް ހޭދަ ނުކުރެވޭނެކަމަށް ޕާކިސްތާނުން ބުނެފައިވަނިކޮށެވެ. އެގޮތުން ޕާކިސްތާނުގެ 8.2 މިލިއަން މީހުންނަށް ބޭސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ކާބޯތަކެތީގެ އިތުރު ސާމާނު އެތެރެކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ މޫސުމާއިބެހޭ ވަޒީރު ޝެރީ ރަޙްމާނު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން އޭޑީބީން 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް އިއުލާނުކޮށްފައިވާއިރު، ވޯލްޑް ބޭންކުން ވަނީ 2 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދޭނެކަމަށް ބުނެފައެވެ. މީގެއިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން، އައިއެމްއެފްއިން ވެސް ވަނީ ޕާކިސްތާނަށް 1.17 ބިލިއަން އެމެރިކާ ޑޮލަރުގެ ލުއިތަކެއް މިދިޔަ މަހު ހަމަޖައްސައިދީފައެވެ.
ފެންބޮޑުވުމާއި ގުޅިގެން ޕާކިސްތާނަށް ލިބުނު ގެއްލުމުގެ އަގު ފުރަތަމަ އަންދާޒާތަކަށް ވުރެ 10 ބިލިއަން އިތުރުވެ 40 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ލަފާކޮށްފައެވެ.
ފެންބޮޑުވުމުގެ ކުރިން ވެސް އިގްތިސާދީ ހީނަރުކަމަކަށް ވެއްޓިފައިވާ ޕާކިސްތާނަށް އެ ކާރިސާގައި ލިބުނު ގެއްލުންތަކަށް އެހީތެރިކަން ހޯދުމުގެ ގޮތުން ސަރުކާރުން އަންނަނީ ލޯނުތައް ލުއިކޮށްދިނުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމަށް ގޮވާލާފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބޮޑެތި ސަރަހައްދުތައް އަޑިއަށް ގޮސް ގާތްގަނޑަކަށް 1700 މީހުން ވަނީ މަރުވެފައެވެ. ގެދޮރު ގެއްލިފައިވާ ލައްކައެއްހާ މީހުން ދަނީ ފަޅުތެރޭގައި ދިރިއުޅެމުންނެވެ. މީގެއިތުރުން އެތައް ދަނޑުބިންތަކާއި، މަގުތަކާއި، ރޭލު މަގުތަކާއި، ބްރިޖުތަކާއި، ހޮސްޕިޓަލާއި ސްކޫލްތައް ފަދަ މުހިންމު ގިނަ އުމްރާނީ ތަންތަން ވަނީ ސުންނާފަތިވެފައެވެ.
ތަޣައްޔަރުވެފައިވާ ފެނުން ޖެހޭ ބަލިތައް އިތުރުވުމުގެ ބިރާއި، ބަނޑުހައިހޫނުކަން ކުރިމަތިވެދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން އދ.ން ޕާކިސްތާނަށް ފޯރުކޮށްދީފައިވާ އިންސާނީ އެހީތެރިކަމުގެ 160 މިލިއަން އެމެރިކާ ޑޮލަރު ވަނީ 816 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ.
ފެންބޮޑުވުމުގެ ހާދިސާ ކުރިމަތިވުމުގެ ކުރީންވެސް ޕާކިސްތާނުގެ ދަރަނި ބޮޑުވެ ގައުމު ބަނގުރޫޓް ވެދާނެ ކަމުގެ ބިރު މިއަހަރު ކުރީކޮޅުވެސް އެގައުމަށް ކުރިމަތިވިއެވެ. މީގެ އިތުރުން މިކާރިޘާއަށް ފަހު ގައުމުގެ އިންފްލޭޝަން މަތިވެ ބަޖެޓް ޑެފިސިޓް ވެސް ދަނީ ބޮޑުވަމުންނެވެ.