ޚަބަރު

ބްރިޖުގެ ދާއިމީ ތަނބުތައް ޖަހަން ޓެސްޓް ޕައިލް ޖަހައިފި


ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ދަށުން މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ޓެސްޓް ޕައިލް ޖަހައިފިއެވެ. ޕްލޭނިން މިނިސްޓްރީ ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫޢުގެ ދަށުން މިމަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތަނބުތަކުގެ މަސައްކަތްތަކެވެ.

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫޢު މާލެއާއި، ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވާލާ ބްރިޖް މަޝްރޫއުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ފުރަތަމަ މެރިން ޕައިލް ހަރުކޮށް ޓެސްޓްކުރަން ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި ޕްރޮޖެކްޓާއި ހަވާލުވެހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ، މެރިން ޕައިލް ހަރުކުރުމަކީ ދާއިމީ ތަނބުތައް ޖެހުމަށް ވާންޖެހޭ ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށެވެ. ޖިނާން ވިދާޅުވީ، ވަރަށް އަވަހަށް ބްރިޖުގެ ފުރަތަމަ ތަނބު ޖަހާނެކަމަށެވެ. އަދި ދާއިމީ ތަނބުތައް މިއަހަރުގެ ތެރޭގައި ޖަހަން ފަށޭނެކަމަށް ޖިނާން ބުންޏެވެ. އޭގެ އިތުރަށް ކުރަން ޖެހޭ ޕައިލިންގެ މަސައްކަތް މާލެއާއި ވިލިމާލެ އަދި ތިލަފުށިގައި ހިނގަމުން އަންނަ ކަމަށް ޖިނާން ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅާލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގައެވެ.

ތިލަމާލޭ ބުރިޖްގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ވަނީ މާލެ ކޮޅުންނެވެ. މި މަޝްރޫޢުގެ ޕްލޭންގައިވާގޮތުން ފުރަތަމަ ގުޅާލަނީ މާލެ އާއި ވިލިމާލެ އަދި ގުޅީފަޅެވެ. އެގޮތުން އަންނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިމި 2024 ވަނަ އަހަރު ތިލަފުއްޓާ ގުޅާލާ ނިމޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނައިރު، އެއާ އެކުއެކީގައި ދެން ހިމެނޭ ސަރަޙައްދުތަކުގެ ފައިނަލް ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

ބްރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމަން އަމާޒު ހިފާފައިވާއިރު، މި މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެ އިތުރަށް ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.

މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ޑެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުންކުރާނީ އިރުގެ ހަކަތައެވެ. އަދި ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓްތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.

މި މަޝްރޫއަކީ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އަދި މީގެތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާގެ އެހީއެވެ.

ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިޤްތިޞާދީގޮތުން ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލައި، އިޤްތިޞާދީ ބޮޑު ހަބަކަށް މި ސަަރަޙައްދު ހެދުމެވެ. މިހާރު އެއްބަސްވުން ޤާއިމުކޮށްފައި އޮތީ ތިލަފުއްޓާއި ހަމައަށް ބްރިޖުން ގުޅާލުމަށެވެ.

ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަން ހާމަކުރައްވާފައެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެއެވެ.