ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕް 2022 ގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ، ޓީމު ފެނަކަ، ކުލަބް އޭވީއެސްއީސީ އަދި ކުލަބު އެއާޕޯޓްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.
އާދީއްތަ ދުވަހުގެރޭ ހުޅުމާލޭ ރެހެންދި ފުޓްސެލް ދަނޑު އެކެއްގައި ކުޅުނު މެޗުން ގްރޫޕް ސީގައި ހިމެނޭ އެމްއޭސީއެލް މޮޅުވީ ޓްރޭޑް ކުލަބު އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި އެމްއޭސީއެލްގެ އިބްރާހީމް ޝަނޫން ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި އަނެއް ލަނޑުތައް ޖަހައިދިނީ އަޙްމަދު ސިނާޙާއި، އަލީ ޝިފާއު އާއި، އަބްދުﷲ ސުޒައިރު އަދި ހުސައިން ޒާހިރެވެ.
މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ރެހެންދި ފުޓްސެލް ދަނޑު ދޭއްގައި ކުޅުނު ގްރޫޕް ޑީގެ މެޗުން ޔުނައިޓެޑް ބީއެމްއެލްގެ މައްޗަށް ފެނަކަ ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފެނަކައިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އައްޒާމެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އަޔާޒް އަޙްމަދު (އަޔާ) ވަނީ ލަނޑެއް ޖަހައި ފެނަކައިގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މި މެޗުގައި ބީއެމްއެލްއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެ ޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފައެވެ.
މީގެ އިތުރުން މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް ސީގައި ހިމެނޭ ޓީމު ޑީޖޭއޭގެ މައްޗަށް ކުލަބު އޭވީއެސްއީސީ ކުރިހޯދީ ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުންނެވެ.
ރެހެންދި ފުޓްސެލް ދަނޑު އެކެއްގައި ކުޅުނު މި މެޗުގައި އޭވިއެސްއީސީގެ ތައުމީން ނޫހް ވަނީ ހެޓްރިކް ހަދާފައެވެ. އަދި އެ ޓީމުގެ އާދަމް މަންސޫރް ދެ ލަނޑު ޖެހިއިރު، ފަހު ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާރިޝްއެވެ. ދެން މި މެޗުގައި ޑީޖޭއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސެއިން އިހުސާން އާއި އަބޫބަކުރު މުޙައްމަދެވެ.
ދެން މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ރެހެންދި ފުޓްސެލް ދަނޑު ދޭއްގައި ކުޅުނު ގްރޫޕް ޑީގެ ބައްދަލުކޮށްފައިވަނީ ޓީމު ސިވިލް ކޯޓާއި ކުލަބް އެއާޕޯޓްސްއެވެ. މި މެޗު އެއާޕޯޓްސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެއާޕޯޓްސްގެ އަބޫބަކުރު ސިއްދީގު ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ރަޝީދުދާއި އަލީ ހުސެއިންއެވެ.
މި މުބާރާތުގައި ހޯމަ ދުވަހުވެސް ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރުވެސް 32 ޓީމު ބައިވެރިވެފައިވުމާއެކު، މި މުބާރާތް ކުރިއަށްދަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.