ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގެ ތަރައްޤީއާއެކު، މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް!


ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޚިދުމަތް ހޯދަމުންދާ ރ.އުނގޫފާރު ހޮސްޕިޓަލަކީ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ގޮތުންވެސް ގޮންޖެހުންހުރި ހޮސްޕިޓަލެކެވެ. މި އަތޮޅުގެ ގިނަ ރަށްތަކަކުން އުނގޫފާރު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާމީހުންގެ ޝަކުވާތަކަށް ޙައްލުހޯދައި ދިނުމަށްޓަކައި އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މިހާރު ބޭނުން ކުރަމުންދާ އުނގޫފާރު ހޮސްޕިޓަލާއި އިންވެގެން އިމާރާތް ކުރާ އައު ޢިމާރާތަކީ ޖާގަ ތަނަވަސް، އެންމެފަހުގެ ވަސީލަތްތަކާއެކު އެއްފަހަރާ ގިނަ ބަޔަކަށް ޚިދުމަތްދެވޭގޮތަށް ތައްޔާރުކުރެވޭ ޢިމާރާތެކެވެ. ޢިމާރާތުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވާއިރު، ތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނަފާއެވެ.

އައު ޢިމާރާތުގައި ގާއިމުކުރެވޭ ވަސީލަތްތަކާއި، ދިނުމަށް ނިންމާފައިވާ ޚިދުމަތްތަކާއެކު މީގެކުރިން މާލެއަށް ގޮސްގެން ހޯދަންޖެހުނު ޚިދުމަތްތަކަށް ނިމުން އަންނާނެއެވެ. އޭގެ ތެރެއިންވެސް އެމްއާރުއައިފަދަ މުހިންމު ޚިދުމަތްތަކެއް މުޅިން އަލަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އައު ޢިމާރާތުގައި އެމަޖެންސީ ރޫމް(އިއާރް)ގެ ޚިދުމަތްތައް އިތުރުކޮށް، އަދި މިހާރު ހޮސްޕިޓަލްގައި ހަދާ ޓެސްޓްތައް ހެދޭނެ ކެޕޭސިޓީވެސް އިތުރުވާނެއެވެ.

އައު ޢިމާރާތާއެކު މިހާރު އެމެޖެންސީގައި ދެވޭ ޚިދުމަތްވެސް އިތުރުވެގެންދާނެއެވެ. އެމްޖެންސީ ރޫމްގައި މިހާރު 2 އެނދު ބޭނުންކުރި ނަވެސް އައު ޢިމާރާތް ނިމުމުން، އެމެޖެންސީގައި ބޭނުންކުރާ އެދުގެ ޢަދަދު 10އަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން އައު ޢިމާރާތުގައި ޤާއިމުކޮށްފައިވާ ޖާގަ ތަނަވަސް 10 ޕްރައިވެޓް ރޫމާއެކު ހޮސްޕިޓަލުގައި ބޭނުންކުރާ ޕްރައިވެޓް ރޫމްތަކުގެ ޢަދަދު 16އަށް އިތުރުވާނެއެވެ.

އުނގޫފާރު ހޮސްޕިޓަލަށް ކޮންމެދުވަހަކު ޑޮކްޓަރަށް ދެއްކުމަށް އެތައްބަޔަކު އަންނައިރު، ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން ޓެސްޓުތައްހެދުން ލަސްވާކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ. އާ ޢިމާރާތާއެކު އަލްޓްރާ ސައުންޑް ސްކޭން، ސީޓީ ސްކޭނާއި އެކްސްރޭ މެޝިން އިތުރުކޮށް އެއްފަހަރާ މިޚިދުމަތް ދެވޭ މީހުންގެ ޢަދަދު އިތުރުވެގެންދާނެއެވެ.

އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ހޮޕިޓަލުގެ ޚިދުމަތަށްއެދޭ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެތެރެއިން މުޅިންއަލަށް ހިތުގެބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާނުދެވި މާލެއަށް ދާންޖެހުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭކަމެކެވެ. ނަމަވެސް އުނގޫފާރުގައި މިޚިދުމަތް ލިބޭނެގޮތް ހަމެޖެހުމާއެކު މިބަލީގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބޮޑުލުޔެއް ލިބިގެންދާނެއެވެ. ހޮސްޕިޓަލުގެ އަމާޒަކީ ހިތުގެ ބަލި ހުންނަ 25 މީހުންނަށް ކޮންމެ ދުވަހަކުވެސް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތްނިމި ހޮސްޕިޓަލުގެ ޚިދުމަތްދޭން ފެށުމުން، އެސަރަޙައްދުގައި ދިރިއުޅޭ އެތައްބަޔަކަށް ބޭސްފަރުވާއަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ސްޕެޝަލައިޒް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމެވެ.

އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަކަށް ބަދަލުކުރުމަށް ގެންނަ ބޮޑު ބަދަލާއެކު ޢިމާރާތަކީވެސް ތިމާވެއްޓާ ރައްޓެހިގޮތަކަށް ތައްޔާރުކުރެވިގެންދާ ޢިމާރާތެކެވެ. ހަތަރު ބުރީގެ މިޢިމާރާތުގެ ފުރާޅުގައި އެކަނިވެސް 300 ވޯޓުގެ ސޯލާ ޕެނަލް ވަނީ ހަރުކުރެވިފައެވެ. މީގެސަބަބުން ތިމަވެއްޓާ ބީރަށްޓެހި ހަކަތައަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ތެލަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެއެވެ.

އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަކަށް ބަދަލު ވެގެންދާއިރު، ޢިމާރާތުން މިހާރު އަހަރެއްގެ މައްޗަށް ޚިދުމަތް ހޯދާ 60،000 މީހުންގެ ޢަދަދު 80،000 އަށް އިތުރު ވެގެންދާނެއެވެ. އަދި އެހޮސްޕިޓަލުގެ އަމާޒަކީ އާއިމާރާތާއިއެކު ހޮސްޕިޓަލުން ދެވޭ ޚިދުމަތާއި ވަސީލަތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅު ވެގެން ދިއުމެވެ.