އިޓާލިއަން ލީގުގައި ކްރެމޮނޭސޭ ބަލިކޮށް ތާވަލްގެ އެއްވަނައަށް ނާޕޮލީ ޖެހިލައިފިއެވެ.
ކްރެމޮނޭސޭގެ ދަނޑުގައި ކުޅުނު މި މެޗް ނާޕޮލީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނާޕޮލީއިންނެވެ. މިމެޗްގެ ފުރަތަަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ނާޕޮލީއަށް ކާމިޔާބުކޮށްދިނީ މަޓިއޯ ޕޮލިޓާނޯއެވެ. އެކަމަކު މެޗްގެ 47 ވަނަ މިނެޓްގައި ސައިރީލް ޑެސާސް ވަނީ ލަނޑެއް ޖަހައި ކްރެމޮނޭސޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިމެޗްގައި ނާޕޮލީއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ މެޗްގެ 76 ވަނަ މިނެޓްގައި ޖިއޮވާނީ ސިމެއޮނީއެވެ. އޭގެ ފަހުން މި މެޗްގައި ނާޕޮލީގެ ފަހު ދެ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އެގޮތުން ތިންވަނަ ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ހާވިން ލޮޒާނޯ ކާމިޔާބުކޮށްދިންއިރު، ފަހު ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ޖަހައިދިނީ މެތިއުސް އޮލިވޭރާއެވެ.
މި ކާމިޔާބީއާއެކު ނާޕޮލީއަށް ވަނީ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެއީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އުޅެނީ 21 ޕޮއިންޓާއެކު އެޓަލާންޓާއެވެ. އަދި ނާޕޮލީ އަތުން ބަލިވުމުން ކްރެމޮނޭސޭ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ ފުލުން ދެވަނައިގައެވެ.