ހަންގޭރީ ތެރެއިން ސާބިއާއަށް ރަޝިޔާގެ ތެޔޮ ފޯރުކޮށްދިނުމަށް ޕައިޕްލައިނެއް އެޅުމަށް ދެ ޤައުމުން އެއްބަސްވުމުކަށް އައިސްފައިވާކަމަށް ރޮއިޓާސްއިން ބުނެފިއެވެ.
ދެ ޤައުމުން މިފަދަ އެއްބަސްވުމަކަށް އައިސްފައިވަނީ ރަޝިޔާގެ ތެލުގެ ވިޔަފާރި ހުއްޓުވުމަށް ހުޅަނގުގެ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޔޫރަޕުގެ ޤައުމެއް މެދުވެރިކޮށް 3 ވަނަ ޤައުމަކަށްވެސް ރަޝިޔާގެ ތެޔޮ ނުފޮނުވޭނެކަމަށް ނިންމައި އެޅި ފިޔަވަޅުގެ ސަބަބުންނެވެ. މިއާއެކު މީގެކުރިން ސާބިއާއަށް ތެޔޮ ފޮނުވުމަށް ރަޝިޔާއިން ބޭނުން ކުރަމުން އައި ކްރޮއޭޝިއާ މަގު ބަނދުވާނެއެވެ. މިހާތަނަށް ސާބިއާއިން ބޭނުން ކުރަމުން އައީ ކްރޮއޭޝިއާ ތެރެއިން އޮންނަ ޖަނަފް ޕައިޕްލައިންއެވެ.
ޑުރުޒްބާ ޕައިޕްލައިން މެދުވެރިކޮށް ހަނގޭރީ ތެރެއިން ސާބިއާއަށް ރަޝިޔާގެ އުރަލް ގްރޭޑުގެ ތެޔޮ އެތެރެކުރުމަށް ނިންމާފައިވާކަން ހޯމަ ދުވަހު ހަންގޭރީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ ސަބަބުން ސާބިއާއަށް އަގު ހެޔޮކޮށް ސާފު ނުކުރާ ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް ހަންގޭރީ ސަރުކާރުން ވަނީ ބުނެފައެވެ.
ސާބިއާގެ ހަމައެކަނި ތެޔޮ ކުންފުނި އެންއައިއެސް އަކީ ރަޝިޔާގެ ގޭޒްޕޮރްމް ކުންފުނީގެ ވަރަށް ބޮޑު ހިއްސާ އޮންނަ ކުންފުންޏެކެވެ.
ހަންގޭރީއަކީ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ހުޅަނގުން ރަޝިޔާއަށް އަޅާ ފިޔަވަޅުތަކަށް އެންމެ ބޮޑަށް ފާޑު ކިޔާ އެއް ޤައުމެވެ. އެ ޤައުމަކީ ރަޝިޔާގެ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެކެވެ. ހަންގޭރީ ސަރުކާރުން ބުނާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު މައްޗަށް ދަނީ ހުޅަނގުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެހެންވިއަސް ހުޅަނގުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުން މިހާތަނަށް އެއްކޮށް ދެކޮޅު ހަދާފައެއް ނުވެއެވެ.
ޑުރުޒްބާ ޕައިޕްލައިން ނުވަތަ އެކުވެރިކަމުގެ ޕައިޕްލައިން އަކީ ޔޫކްރެއިން ތެރެއިން ހަންގޭރީ ސްލޮވާކިއާ އަދި ޗެކް ރިޕަބްލިކްއަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިނެކެވެ. މި ޕައިޕްލައިންގެ ބޭނުން މިހުރިހާ ޤައުމުތަކުންވެސް ކުރެއެވެ.
މީގެކުރީންވެސް ސާބިއާއަށް ގޭސް ބޭނުންވެއްޖެ ހާލަތެއްގައި ހަންގޭރީން އެހީތެރިވެދޭނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އެ ޤައުމުން ހާމަކޮށްފައިވާ ގޮތުގައި ހަންގޭރީގެ ރިޒާވްތަކުގައި 6 މަސް ދުވަހަށް ބޭނުންވާވަރަށް ގޭސް އެބަހުއްޓެވެ.