ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ، ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 53 އަހަރުގެ މޮރިއޭރޯ ގައުމީ ޓީމާ އެންމެ ފުރަތަމަ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެ ފަހަރު ސޮއިކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އެ އެއްބަސްވުން މި މަހު ހަމަވާއިރު، ހޯމަ ދުވަހު އެފްއޭއެމުން ވަނީ އައު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެފްއޭއެމް އިން މޮރިއޭރޯ އާއެކު ހަދާފައިވާ އައު ކޮންޓްރެކްޓަކީ ވެސް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
މޮރިއޭރޯ ވަނީ އޭނާއަށް އިތުބާރުކޮށް އައު ކޮންޓްރެކްޓެއް ދިން ކަމަށްޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ޝުކުރުއަދާކޮށްފައެވެ. އަދި އެކުގައި ގުޅިގެން އައު ޓާގެޓްތަކަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި ހުރިކަމަށް މޮރިއޭރޯ ބުންޏެވެ.
ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވި ފަހުން މިހާތަނަށް ވަނީ 10 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ތިން މެޗުން ބަލިވީ އެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ގައުމީ ކޯޗު މޮރިއޭރޯ ކޮންޓްރެކްޓް އައުކުރިއިރު، އަންނަ މަހު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރާއްޖޭގެ ގައުމީ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރު ފެށުނުއިރު، ފީފާ ރޭންކިންގައި ރާއްޖެ އޮތީ 157 ވަނައިގައެވެ. އަދި މާޗު މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު، މި ފަހުން ނެރުނު ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 154 ވަނައިގައެވެ.