އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ދެން ފެނިގެންދާނީ ފީފާ ވޯލްޑް ކަޕަށް ފަހު ކަމަށް އެ ކުލަބުން ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ޑިއާޒް ގެ ފަޔަށް އަނިޔާވެފައިވަނީ އެންމެފަހުން އާސެނަލް އާއި ކުޅެ ލިވަޕޫލް ބަލިވި މެޗްގައެވެ.
ލިވަޕޫލުން ހާމަކުރިގޮތުގައި ޑިއާޒްގެ ފަޔަށް ލިބިފައިވާއަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހޭވަރު ނުވާކަމަށާއި ނަމަވެސް އޭނާއަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ވަގުތު ނަގާނެކަމަށެވެ. އަދި އޭނާ ދެން ލިވަޕޫލަށް ކުޅޭތަން ފެނިގެންދާނީ ވޯލްޑްކަޕަށް ފަހު ކަމަށް ކްލަބުން ހާމަކުރިއެވެ.
ލިވަޕޫލް މިވަގުތު ދަށް ފޯމެއްގައި އޮތް ނަމަވެސް ލުއިސް ޑިއާޒް ދަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެހެންކަމުން ވޯލްޑްކަޕަށް ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މެދުކަނޑާލާއިރު އޭގެ ކުރިން ލިވަޕޫލުން ކުޅެންޖެހޭ 10 މެޗްގައި އޭނާ ނެތްތަން ވަރަށް ބޮޑަށް ދައްކާނެކަމަށް ވެއެވެ.
ވޯލްޑްކަޕަށް ފަހު ލިވަޕޫލް ކުޅޭ ފުރަތަމަ މެޗްގައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބައްދަލުކުރާނީ އެސްޓަންވިލާ އާއެވެ. ޑިއާޒްގެ އިތުރުން އެ މެޗްގައި ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ލިވަޕޫލް ދެން އެންމެ އަވަހަށް ކުޅޭ މެޗަކަށް ވެގެންދާނީ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ރޭންޖަރސް އާއި ރަށުން ބޭރުގައި ކުޅޭ މެޗެވެ. އަދި އެއަށްފަހު އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޕްރިމިއަރ ލިގުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.