ކުޅިވަރު

ފިއޮރެންޓީނާ ބަލިކޮށް ލާޒިއޯ ތާވަލުގެ ތިންވަނައަށް


އިޓާލިއަން ލީގުގައި ފިއޮރެންޓީނާ ބަލިކޮށް ތާވަލުގެ ތިންވަނައަށް ލާޒިއޯ ޖެހިލައިފިއެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މިމެޗް ލާޒިއޯ ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއެވެ. އެއާއެކުވެސް ލާޒިއޯގެ ޑިފެންސް ފޫއަޅުވާނުލެވުނުއިރު ލާޒިއޯގެ ފޯވަޑް ލައިން ހުއްޓުވޭ ގޮތެއްވެސް ނުވިއެވެ. މި މެޗްގައި ލާޒިއޯގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަޓިއަސް ވެސީނޯއެވެ.

ދެވަނަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހާދީ އެޓީމްގެ ލީޑު ފުޅާކޮށްދިނީ މަޓިއާ ޒަކަގްނީއެވެ. މިމެޗްގައި ލާޒިއޯގެ ތިންވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ލުއިސް އެލްބާޓޯއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ސީރޯ އިމޮބިލޭއެވެ.

މި ކާމިޔާބީއާއެކު ލާޒިއޯ މިވަނީ ތާވަލްގެ ތިންވަނައަށް ކުރިއަށްވެސް ޖެހިލާފައެވެ. އެއީ ކުޅުނު 9 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު އެވެ. އަދި ފިއޮރެންޓީނާ އުޅެނީ 9 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. ސެރީއާގައި މިހާރު ކޮންމެ ޓީމެއް ނުވަ މެޗް ކުޅެފައިވާއިރު މިސީޒަންގައި އެންމެ ވަރުގަދަކޮށް ފެނިގެންދަނީ ނަޕޯލީއެވެ. އަދި ދެވަނައިގާ އުޅެނީ އެޓަލާންޓާއެވެ. އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން މިވަގުތު އުޅެނީ 5 ވަނައިގައެވެ.