ކުޅިވަރު

ފޮރެސްޓާއި އެސްޓަން ވިލާގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ފޮރެސްޓުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އެމަނުއެލް ޑެނިސްއެވެ. ނަމަވެސް ވިލާއިން ވަނީ އޭގެ ހަތް މިނެޓްފަހުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އޭޝްލީ ޔަންގްއެވެ.

މިއީ 2011 ވަނަ އަހަރަށް ފަހު ޔަންގް ވިލާއަށް ޖަހާދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި ވިލާގެ އޮލީ ވޮޓްކިންސް ޖެހި ލަނޑެއް ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މީގެ އިތުރުންވެސް ދެޓީމަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

މިމެޗް އެއްވަރުވުމުން އެންމެ ބޮދު ހިތްހަމަ ޖެހުމެއް ފޮރެސްޓަށް ލިބިގެންދިޔައިރު ވިލާއަށް މިމެޗްގައި އެޓީމުން ދެއްކި ކުޅުމަށް ބަލާއިރު އެއް ޕޮއިންޓުން ހިތްހަމަ ޖައްސާލެވޭނެކަމަކަށް ނުބެލެވެއެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ވިލާ މިހާރު އުޅެނީ 9 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ 16 ވަނައިގައެވެ. އަދި ފޮރެސްޓް ވަނީ ފަސް ޕޮއިންޓާއެކު ފުލުން އަރާ 19 ވަނައަށް ކުރިއަށް ޖެހިލާފައެވެ.