ކުޅިވަރު

ރިސޯޓް ލީގު: ނޮޓިލަސް އާއި އަނަންތަރަ އަދި ސޮނޭވާ އާއި ވައްކަރު އެއްވަރު


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅުގެ މުބާރާތުގައި އަންނަތަރަ އާއި ނޮޓިލަސް އަދި ސޮނޭވާ ފުއްޓާއި ވައްކަރު ބައްދަލުކުރި މެޗުތައް އެއްވަރުވެއްޖެއެވެ.

ފޯ ސީޒަންސް ލަނޑާ ގިރާވަރުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ އަނަންތަރަ އާއި ނޮޓިލަސްއެވެ. މި މެޗު ނިމުނީ 5-5 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގައި ނޮޓިލަސްގެ އަޙްމަދު ސޮބާހު ވަނީ ހެޓްރިކެއް ހަދާފައެވެ. އެއީ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑަކާއި ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއެކުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ދެން ކާމިޔާބުކޮށްދިނީ މުޙައްމަދު ރަޝީދާއި ހަސަން ހަމީދެވެ. އަނަންތަރަ ގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ރަޝާދު އަބްދުލް މަތީނާއި އިބްރާހިމް ޒަމީރުގެ އިތުރުން އަބްދުލް ރަހުމާނު ހަމީޒެވެ.

މި މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސޮނޭވާ ފުއްޓާއި ވައްކަރެވެ. މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސޮނޭވާ ފުށީގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު އިބްރާހީމާއި އިބްރާހިމް މާޖިދުގެ އިތުރުން އާދަމް ނިޒާމެވެ. ވައްކަރުގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަމީމާއި މުހައްމަދު ސިމާނެވެ. މީގެތެރެއިން ޝަމީމް ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މެޗުން އެންމެ ފަހުގެ ޗެމްޕިއަން ސޮނޭވާ ފުށި މޮޅުވިއިރު، އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވަނީ މިލައިދޫ އަތުން ބަލިވެފައެވެ. މި ޒޯނުގައި މިހާތަަނަށް ތިން ފަހަރެއްގެ މަތިން ރިސޯޓް ލީގު ވަނީ ބާއްވާފައެވެ. އެއީ 2014، 2016 އަދި 2019 ގައެވެ. އެ ތިން ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާ ފުއްޓެވެ.