ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ ސިޓީ ހުޅުމީދޫއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އައްޑޫ ސިޓީ ހުޅުމީދޫއަށް 58.9 މިލިމީޓަރަށް ވާރޭ ވަނީ ވެހިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެކި ސަރަހައްދުތަކަށް އަންނަނީ ވައިގަދަވެ ގުގުރުމާއެކު ވާރޭވެހެމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އަންނަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއުރުވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށިގެންވާކަމަށެވެ. އަދި ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިނުގައި 4 ފޫޓައި 7 ފޫޓު ހުންނާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އަދާރާއިން ލާފާކުރެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑިއިރު އައްޑޫ ސިޓީ ހުޅުމީދޫއަށް 58.9 މިލިމީޓަރުގެ ވަނީ ވާރޭވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ލ.ކައްދޫއަށެވެ. އެއީ 51.4 މިލިމީޓަރުގެ ވާރޭއެވެ.
ހުޅުމީދޫ އާއި ކައްދޫއަށްފަހު ދެން އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ އދ.މަމިގިއްޔަށާއި ވ.ރަކީދޫއަށާއި ރ.އަލިފުއްޓަށާއ ރ. ދުވާފަރަށެވެ. މި ރަށްތަކަށް 40 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހިފައިވެއެވެ. މިގޮތުން އދ.މާމިގިއްޔަށް 48 މިލިމީޓަރަށް ވާރޭވެހިފައިވެއެވެ. އަދި ވ.ރަކީދޫއަށާއި ރ.އަލިފުއްޓަށް 46 މިލިމީޓަރަށް ވާރޭވެހުނުއިރު ރ.ދުވާފަރަށް ވާރޭ ވެހުނީ 42.1 މިލިމީޓަރަށްކަމަށް ރެކޯޑް ކުރެވިފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ މަދުން ވާރޭވެހުނުކަމަށް ރިކޯޑް ކުރެވުނީ ހދ. ކުޅުދުއްފުއްޓަށެވެ. އެރަށަށް ވާރޭ ވެހުނީ 0.2 މިލިމީޓަރަށެވެ. އަދި ގދ. ތިނަދޫއަށް ވާރޭވެހިފައިވަނީ 3.8 މިލިމީޓަރަށެވެ.
މިދުވަސްވަރަކީ މޫސުން ގޮސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. މިގޮތުން ދަތުރަށް ފުރާއިރު މޫސުމަށް ބެލުމަށާއި މޫސުން ގޯސްނަމަ ދަތުރުތައް މަޑުޖައްސާލުމަށް ކަމާބެހޭ ފާރާތްތަކުން އިލްތިމާސްކުރެއެވެ.