ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ޓީމު ފެނަކައިން ޗެމްޕިއަން އެމްޕީއެލް ބަލިކުރިއިރު، ޔޫތު މިނިސްޓްރީ އަތުން ކުލަބު ވެމްކޯ ބޮޑު މޮޅެއް ހޯދައިފިއެވެ.
އަންގާރަ ދުވަހުގެރޭ ކުޅުމަށް އެންމެ ފުރަތަމަ ތާވަލުކުރެވުނު މި މެޗު ބުދަ ދުވަހުގެ ހަވީރަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ރެހެންދި ފުޓްސެލް ދެނަމްބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި އެމްޕީއެލްގެ މައްޗަށް ފެނަކައިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 13 ވަނަ މިނެޓުގައި ފެނަކައިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސާރީއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެނަކައިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ޖިރަފަަރްފާ ތުފްސާރީއެވެ.
އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު އެމްޕީއެލުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަރާޙް އަޙްމަދެވެ. އޭގެ ހަ މިނެޓު ފަހުން ފެނަކައިން ވަނީ އަނެއްކާވެސް ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝަހުލާ ތައުފީގެވެ. މެޗުގެ ފަހު މިނެޓުގައި އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރް ވަނީ ލަނޑެއް ޖަހާ އެމްޕީއެލްއަށް ފަރަގު ކުޑަކޮށްދީފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ވެމްކޯއިން ވަނީ ޔޫތު މިނިސްޓްރީ ކޮޅަށް 23 ލަނޑު ޖަހާފައެވެ.