ކުލަބު މޯލްޑިވްސް ކަޕް 2022 ގައި ބުދަ ދުވަހު ކުޅުނު މެޗުތަކުން ކުލަބު އެޗްޑީސީ، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، އެމްއެމްއޭ ސްޕޯޓްސް ކުލަބު، ޓީމު އެލައިޑް، ވެމްކޯ އަދި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ހަވީރު ކުލަބް އެޗްޑީސީން އަދި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗު އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރެޔަށެވެ. އެކަމަކު ވިއްސާރައިގެ ސަބަބުން އެ މެޗު ބުދަ ދުވަހުގެ ހަވީރަށް ފަސްކުރީއެވެ.
ރެހެންދި ފުޓްސެލް އެއް ނަމްބަރު ދަނޑުގައި ކުޅުނު މި މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެޗްޑީސީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މި ލަނޑުތައް އެޗްޑީސީއަށް ކާމިޔާބުކޮށްދިނީ ސާމިން މުޙައްމަދު ނަސީރު އަދި އަޙްމަދު ސިޒާންއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް އެޗްޑީސީން ދިވެހި ސިފައިންގެ ކުލަބްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 30 ވަނަ މިނެޓުގައި އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ލަނޑުޖަހައިފައެވެ.
މި މެޗުގައި ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ފަވާޒްއެވެ.
މީގެ އިތުރުން ބުދަ ދުވަހު ހަވީރު އެސްޓީއޯއިން ކުލަބް އިމިގްރޭޝަންގެ މައްޗަށް ކުރިހޯދީ 4-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެސްޓީއޯގެ އިސްމާއިލް އީސަ (މެސީ) ދެ ލަނޑު ޖެހިއިރު އެސްޓީއޯގެ އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުޒައިފަތު ރަޝީދު އަދި ހަސަން މުޙައްމަދެވެ.
ބުދަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި އެމްއެމްއޭ އާއި ކުލަބް ޓީޓީއެސް ބައްދަލުކުރިއިރު، މި މެޗު އެމްއެމްއޭއިން ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެމްއެމްއޭގެ މުޙައްމަދު އަފްއާން ހެޓްރިކް ހަދާފައިވާއިރު، އިބްރާހީމް ސިމާހް ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އެމްއެމްއޭއިން ދެން ކާމިޔާބުކުރި ލަނޑު ޖަހާފައިވަނީ އަޙްމަދު ފާރިޝްއެވެ. މި މެޗުގައި ޓީޓީއެސްގެ ޝިފާޒް އާދިލް ވެސް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. ޓީޓީއެސްއިން ދެން ކާމިޔާބުކުރި ލަނޑު އެޓީމަށް ޖަހާދިނީ އާދަމް ނަޝްްވާންއެވެ.
ދެން ކުޅުނު ޓީމް އެލައިޑް އަދި މުލިއާގެ ބައްދަލުކުރި މެޗު އެލައިޑުން ކާމިޔާބުކުރީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި އެލައިޑްގެ ހުސެއިން އަލީ ފަސް ލަނޑު ޖެހިއިރު، ހަސަން ނަޒީމް ގާސިމް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މީގެ އިތުރުން މުޙައްމަދު ވިސާމް ދެ ލަނޑު ޖެހިއިރު، އަލީ ޖައުލާން އަދި އަލީ އަމްޖަދު ވަނީ ލަނޑު ޖަހާފައެވެ.
ބުދަ ދުވަހުގެ ރޭ ކުލަބް ފެންގެ މައްޗަށް ވެމްކޯއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެމްކޯއިން ކާމިޔާބުކުރި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ)އެވެ.
ބުދަ ދުވަހުގެރޭ ކުޅުނު ފަހު މެޗުގައި މީޑިއާނެޓްގެ މައްޗަށް އާރްއާރްސީން ކުރިހޯދީ 9-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އާރްއާރްސީގެ ކެޕްޓަން އިބްރާހީމް އަސްވަދު (ގަބޭ) ހެޓްރިކް ހެދިއިރު، އާރްއާރްސީން ދެން ކާމިޔާބުކުރި ލަނޑުތައް އެޓީމަށް ޖަހާދިނީ އާދަމް ނާސިޙް، އިބްރާހީމް ސިނާޙް، ހިސާމް ސަލީމް، އަލީ ހާފިޒް (ހާއްޕެ) އަދި އިބްރާހީމް މައިސާންއެވެ. މި މެޗުގައި މީޑިއާނެޓުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝާޒް ހިލްމީއެވެ.