ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ވާދަވެރި އިންތިހާބެއްގެ ތެރެއިން: އާސިމް


ކުރީ ފަހަރުތަކާއި ޚިލާފަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި މިފަހަރު ރާއްޖެއަށް ކާމިޔާބުކުރެވުނީ ވަރަށް ވާދަވެރި އިންތިޚާބެއްގެ ތެރެއިންކަމަށް އދގެ ޖެނީވާ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢާޞިމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޢާޞިމް މިހެން ވިދާޅުވީ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ކުރިއަށްއޮތް ދައުރުގައި ރާއްޖޭން މައިގަނޑުގޮތެއްގައި ވަކާލާތުކޮށް މަސައްކަތްކުރާނެ ދާއިރާތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ޑރ. ޢާޞިމް އަޙްމަދު ވިދާޅުވީ، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ 2023 އިން 2025 ވަނަ ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމަކީ، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓާ ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކާއި ބާރެއްކަމަށެވެ. މީގެ ކުރިންވެސް މި ކައުންސިލުގައި ދެ ފަހަރެއްގެ މަތިން ދިވެހިރާއްޖޭ ތަމްޞީލުކޮށްފައިވާކަން ފާހަގަކުރައްވާ، ޑރ. ޢާޞިމް ވިދާޅުވީ، ކުރީ 2 ފަހަރާއި ޚިލާފަށް މިފަހަރުގެ ކާމިޔާބީ ޚާއްސަވެފައި، އެތައް ގޮތަކުން ފާހަގަކުރެވޭކަމަށެވެ.

"ކުރީ ދެ ފަހަރުވެސް އަޅުގަނޑުމެން ވާދަވެރި އިންތިޚާބަކުންނެއްނޫން އިންތިޚާބުވީކީ. އެއީ ކްލީންސްލޭޓެއްގެގޮތުގައި މި ލިބުނީ. 4 ޤައުމަކުން 4 ގޮނޑިއަށް ވާދަކޮށްގެން ކާމިޔާބުކުރުން. މިފަހަރު އެހެންނަމަވެސް އަޅުގަނޑުމެން ވަރަށް ވާދަވެރި އިންތިޚާބެއްގައި ކާމިޔާބު މި ހޯދީ. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެ ހިތްހަމަޖެހުން ލިބޭ ސަބަބަކީ މިއިން މި ދައްކުވައިދެނީ ރާއްޖޭގެ މަޤާމު ބައިނަލްއަޤްވާމީ ދުނިޔޭގައި ވަރަށް ބޮޑަށް އުފުލިގެންގޮސްފައިވާކަމަށް" ޑރ. ޢާޞިމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢާޞިމް އަޙްމަދު ވިދާޅުވީ، ހިއުމަން ރައިޓްސް ކައުންސިލުގެ އިންތިޚާބުން ރާއްޖެއަށް ލިބުނު ކާމިޔާބީއަކީ، ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭން ކުރަމުންދާ މަސައްކަތްތައް ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނަކަން ރަމްޒުކޮށްދޭ ހެއްކެއްކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތާއި، ދުނިޔޭގެ މަޝްރަޙުން އެކަހެރިވެނުވެ، ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ކާމިޔާބީވެސް ރަމްޒުކޮށްދޭކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސިޔާސަތުގައި ހިމެނޭ މުހިއްމު އެއް އަސާސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ސިޔާސަތަކީ. ހަމައެއާއެކީގައި ޑިމޮކްރެޓިކް ހަމަތައް އާއްމުކުރުމާއި، ޑިމޮކްރެޓިކް ހަމަތަކުގެ މަތީގައި އަޅުގަނޑުމެންގެ ހުރިހާކަމެއް ހަމަޖެހިގެންދިއުން. އެއާއެކީގައި މޫސުމަށް އަންނަ ބަދަލުތަކުގެ މަސައްކަތްތައް ކުރުން. މި 3 އަސާސްގެ މައްޗަށް ރައީސްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި މިވަނީ. އަޅުގަނޑުމެން އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި މިކަންކަން ކުރިއަރުވަން މަސައްކަތްކުރާނަން" ޑރ. ޢާޞިމް ވިދާޅުވިއެވެ.

މޫސުމީގޮތުން ދިމާވާ ނުރައްކާތަކަކީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމާ ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާ ޑރ. ޢާޞިމް ވިދާޅުވީ، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި ރާއްޖެއިން މަސައްކަތްކުރާނެ އެންމެ މުހިއްމު އެއް ދާއިރާއަކީ މިފަދަ ކަންކަމުގެ ސަބަބުން އިންސާނީ ޙައްޤުތަކަށް އަންނަ އުނިކަމާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތުކުރުންކަމަށެވެ.

"ކުދި ޤައުމުތަކުގެ މަސައްކަތްތައް އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި އިތުރުކުރުމަށާއި، ތަފާތު ޤައުމުތަކުގެ ވިސްނުމާއެކީގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބާރު އަޅާނަން. އަޅުގަނޑުމެން ބޭނުންވަނީ މި ކައުންސިލަކީ ހަމަހަމަކަމާއެކީ ހުރިހާ ޤައުމަކަށްވެސް އިސްކަންދީގެން، ކުދި ޤައުމުތައްވެސް ހިމެނޭގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް. އޭރުން އަޅުގަނޑުމެން ދެކޭގޮތުގައި މި ކައުންސިލުގެ ފައިދާ ހުރިހާ ޤައުމުތަކަށްވެސް ކުރާނީ" ޑރ. ޢާޞިމް ވިދާޅުވިއެވެ.

ޑރ. ޢާޞިމް އަޙްމަދު ދެއްވި އިންޓަރވިއުގައި، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ގޮނޑިއަށް ރާއްޖޭން އިންތިޚާބުވުމުގެ ކުރިންވެސް، އޮބްޒާވަރެއްގެގޮތުގައިވެސް މި ކައުންސިލުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭން އިސްނަގައިގެން ކުދި ޖަޒީރާ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ބައިވެރިވުން، ކައުންސިލުގެ ތެރޭގައި އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަންކަމުގެ ހެޔޮ ބަދަލުތަކާއި، ނަތީޖާވެސް ފެންނަމުންދާކަމަށް ވިދާޅުވިއެވެ. މިކަންކަން އެންމެ ބޮޑަށް ދައްކުވައިދިން އެއް ހެއްކަކީ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަށް ރާއްޖެ އިންތިޚާބުވި އިންތިޚާބުވުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.