ކުޅިވަރު

ޕާކިސްތާނާ ދެކޮޅަށް މެޗު ކުޅެން ރާއްޖޭން މަޝްވަރާ ކުރަނީ


ޕާކިސްތާނާ ދެކޮޅަށް އެ ގައުމުގައި އަންނަ މަހު ކުޅެން ތައްޔާރުވި ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ނުކުޅެން ރާއްޖެއިން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނީ އެ ގައުމުގައި ރާއްޖެ އާ ދެކޮޅަށް ކުޅެން ދިން ދައުވަތު ގަބޫލު ނުކުރަން ރާއްޖެއިން ނިންމާފައިވުމުން ސަރަހައްދުގެ އެހެން ގައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗު ކުޅެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމާއެކު ފުޓުބޯޅައިގެ ހަރަކާތްތަށް އަލުން ފެށުމަށް ތައްުޔާރުވާ ޕާކިސްތާނުގެ ފުޓުބޯޅައިގެ މައި އިދާރާއިން އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ މަސައްކަތްކުރަނީ ގައުމުން ބޭރުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ކަމަށެވެ.

ދިގު މުއްދަތެއް ވަންދެން ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑުވި ޕާކިސްތާނުން މިއަހަރުގެ އޯގަސްޓު މަހު އެ ސަސްޕެންޝަނުން ސަލާމަތްވުމަށްފަހު އެ ގައުމުގެ އަންހެން ފުޓުބޯޅަ ޓީމުން ވަނީ ރާއްޖެއާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ގައި ޕާކިސްތާނުން ރާއްޖެ ބަލިކޮށްފައިވަނީ 7-0 ގެ ނަތީޖާއަކުންނެވެ. އެ ގައުމުގެ ސީނިއާ ޓީމުން އެންމެފަހުން މެޗެއް ކުޅުނީ 2019 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ކެމްބޯޑިއާ އާއި ދެކޮޅަށެވެ.

ޕާކިސްތާނުގެ ދަ ނެޝަނަލް ނޫހަށް މައުލޫމާތުދެމުން އެ ގައުމުގެ ފުޓުބޯޅަ އިދާރާގެ އޮފިޝަލަކު ބުނީ ކޮންމެ ގައުމަކުން ވެސް ބޭނުން ވަނީ އެ ގައުމެއްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެޗު ކުޅެން ކަމަށާއި ދެކުނު އޭޝިއާގެ އެހެން ގައުމަކަށް ޕާކިސްތާންގެ ޓީމު ފޮނުވައިގެން މެޗު ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް ރާއްޖޭގެ މީޑިއާތަކުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ޕާކިސްތާނާ އެކު މެޗު ކުޅުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި އަދި މިހާތަނަށް މެޗު ނުކުޅެން ނިންމާފައި ނުވާނެ ކަމަށެވެ. އަދި ރަސްމީ ސިފައެއްގައި ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަނާ މިކަމާ ބެހޭ މަޝްވަރާއެއް އަދި ނުކުރެވޭ ކަމަށެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް އެނގިފައިވާ ގޮތުގައި ޕާކިސްތާނުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކުންވެސް ވަނީ ރާއްޖެއާއެކު އެކުވެރިކަމުގެ މެޗު ކުޅެން ދައުވަތު ފޮނުވާފައެވެ. ކުޅޭނެ ގައުމަކާ މެދު މަޝްވަރާކުރަމުން އަންނައިރު، މިހާތަނަށް ވަކި ގޮތެއް އަދި ނުނިންމައެވެ.