ކުޅިވަރު

ބާސާ އާއި އިންޓަގެ ކުރިމަތިލުން އެއްވަރު


ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި އެފްސީ ބާސެލޯނާ އާއި އިންޓަރ މިލާން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެނ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މި ދެޓީމްގެ މެދުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗުން ބާސާ ބަލިވެފައިވުމުން މި މުބާރާތުގެ ދެވަނަ ބުރަށް ދާން ބޭނުންނަމަ މޮޅުވުން މުހިންމު މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ އުސްމާޏް ޑެންބެލޭއެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނެޓްވީ ތަނާ އިންޓައިން ވަނީ ނިކޮލޯ ބަރެއްލާ ޖަހާދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި މެޗްގައި ދެން ފެނިގެންދިޔައީ އިންޓައިން ލީޑު ނެގިތަނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 63 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒްއެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދީ މެޗްގެ ނަތީޖާ ހަމަހަމަކުރީ ރޮބަޓް ލެވަންޑޯސްކީ ޖަހާދިން ލަނޑުންނެވެ.

މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް އިންޓަރއިން ދެވަނަ ފަހަރަށް މި މެޗްގައި ލީޑު ނެގުމާއެކު މިމެޗުން އިންޓަރ މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ރޮބިން ގޮސެންސްއެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ބާރސާއިންވަނީ މެޗްގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ލެވަންޑޯސްކީ މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ.

މި މެޗް އެއްވަރުވުމާއެކު އިންޓަރ މިހާރު އުޅެނީ 4 މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި ބާސާ އުޅެނީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ. އެހެން ކަމުން ބާސާއަށް މިހާރު ޖެހިފައިވަނީ އެޓީމް ކުރިއަށް ކުޅެން އޮތް ދެމެޗް ކާމިޔާބު ކުރުމުގެ އިތުރުން އެހެން މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކަށް ބަލާށެވެ.