ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭ ގައި ނާޕޮލީ އާއި އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރި މެޗް ނާޕޮލީ ކާމިޔާބުކޮށް މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފި އެވެ.
ނާޕޮލީގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އަޔެކްސްއިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ހަމަހަމަކޮށެވެ. މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނާޕޮލީންނެވެ. މި ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާދިނީ ހަރވިންގ ލޮޒާނޯއެެވެ.
މެޗްގެ 16 ވަނަ މިނެޓްގައި ޖިއަކޯމޯ ރަސްޕަޑޯރީ ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަޕޯލީއަށް ފުޅާކޮށްދީފައެވެ. މި މެޗްގައި އަޔެކްސްއިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗްގެ 49 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޑެވީ ކްލާސެންއެވެ. މި މެޗްގައި ނަޕޯލީގެ ތިންވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މިމެޗްގައި ނަޕޯލީއަށް މޮޅުކުޅުމެއްް ދެއްކި ހަވީޗާ ކްވަރާޓްސްކްހޭލިއާއެވެ.
މެޗްގައި އަޔެކްސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސްޓީވެން ބަރގްވައިންއެވެ. މިމެޗްގައި ނަޕޯލީއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 89 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ވިކްޓަރ އޮސިމްހެންއެވެ.
މި ކާމިޔާބީއާއެކު ނަޕޯލީ މިވަނީ މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ ކުޅުނު ހަތަރު މެޗް ވެސް ކާމިޔާބުކޮށް ލިބިފައިވާ 12 ޕޮއިންޓާއެކުއެވެ. އަދި އަޔެކްސް އުޅެނީ 3 ޕޮއިންޓާއެކު ތިންވަނައިގައެވެ.