ކުޅިވަރު

ފްރެންކްފަޓް ބަލިކޮށް ޓޮޓްނަމް އެއްވަނައަށް


ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި ޓޮޓްނަމް ހޮޓްސްޕަރ އާއި އެއިންޓްރަންކް ފްރޭންކްފަރޓް ބައްދަލުކުރިމެޗް ޓޮޓްނަމް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައަށް އަރައިފިއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް ސްޕަރސް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ދެޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑް ނަގާފައިވަނީ ފްރޭންކްފަޓް އިންނެވެ. މި ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި އެޓީމަށް ޖަހާދިނީ ޑައިޗީ ކަމާޑާއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ހަ މިނެޓްފަހުން ސްޕާސް ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޮން ހެއުންގް މިންއެވެ.

އަދި މެޗްގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންވަނީ ސްޕަރސްއަށް މެޗްގެ ލީޑު ނަގާދީފައެވެ. މި މެޗްގައި ސްޕަރސްގެ ފަހު ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާދީ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ސޮން އެވެ. މި މެޗްގައި ފްރޭންކްފަރޓްއަށް އިތުރު މައްސަލަ ތަކާއި ކުރިމަތިވެގެންދިޔައީ މެޗްގެ 59 ވަނަ މިނެޓްގައި އެޓީމްގެ ޓޫޓާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.

މިއާއެކުވެސް ފްރޭންކްފަރޓްއިން ވަނީ ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި ނަތީޖާއެއްގެ ގޮތުން މެޗްގެ 87 ވަނަ މިނެޓްގައި ލަނޑެއްވެސް ކާމިޔާބުކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަރީދު އަލީޑޫއެވެ. މިލަނޑާއެކު މެޗްގެ ފަހު ވަގުތު ކޮޅު ސްޕަރސް ޕްރެޝަރަށް ވެއްޓިގެން ދިޔަނަމަވެސް އެޓީމުންވަނީ ނަތީޖާއަށް އިތުރު ބަދަލެއް އަޔަނުދީ މެޗް ނިންމާލާފައެވެ.

މި ކާމިޔާބީއާއެކު ސްޕަރސްއަށް މިވަނީ ހަތަރު މެޗުން 7 ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. އަދި ފްރޭންކްފަރޓް މިވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލަށް މިވަގުތަށް ވެއްޓިފައެވެ. މިގްރޫޕްގައި ސްޕޯޓިންގ ލިޒްބަން އާއި އޮލިމްޕިކް ޑި މާސޭ ރޭ ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ރަށުން ބޭރުގައި ކާމިޔާބުކުރީ މާސޭއެވެ. އަދި މިކާމިޔާބީއާއެކު މާސޭ ވަނީ ފައިދާ ގޯލްގެ ތަފާތުން ދެވަނައަށް އަރާފައެވެ.