ކުޅިވަރު

ތައިލެންޑުގެ އެއްވަނަ ޕެއާ އަތުން ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިވެއްޖެ


ރާއްޖޭގެ ސަން އައިލެންޑް ރިސޯޓުގައި ފެށި އެފްއައިވީބީ ބީޗް ޕްރޯ ޓުއާ 2022 ގެ ކޮލިފައިންގައި ތައިލެންޑުގެ އެއްވަނަ ޕެއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ މުޙައްމަދު އަލީ (ޑެންޒޯ) އާއި އަޙްމަދު މުޙައްމަދު (ކޯކޭ) ގެ ޕެއާ ބަލިވެއްޖެއެވެ.

ތައިލެންޑުގެ އެއްވަނަ ޕެއާ ކަމަށްވާ ސުރީން އާއި ބަންލުއީގެ ޕެއާއާ ވާދަކޮށް ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ތައިލެންޑުގެ ޕެއާއިން ވަނީ ބޮޑު ލީޑަކާއެކު ފަސޭހަކަމާއެކު ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓު އެ ޕެއާއިން ގެންދިޔައީ 21-10 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ކޯކޭ އާއި ޑެންޒޯގެ ޕެއާއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. އެކަމަކު މި ސެޓު ތައިލެންޑުގެ ޕެއާއިން ވަނީ 21-16 އިން ކާމިޔާބުކޮށްފައެވެ.

މި މުބާރާތް ބުރާސްފަތި ދުވަހު ފެށިއިރު، ރާއްޖޭގެ އެއްވަނަ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ) އަށް ވަނީ މުބާރާތުގެ މެއިން ޑްރޯއިން ފުރުސަތު ލިބިފައެވެ. މެއިން ޑްރޯއިން ޖުމްލަ 16 ޕެއާއަކަށް ފުރުސަތު ލިބިފައިވާއިރު، ބުރާސްފަތި ދުވަހު ކުޅުނު ކޮލިފައިން ބުރުން އަށް ޕެއާއަކަށް ވަނީ އެ ޑްރޯއިން ފުރުސަތު ލިބިފައެވެ.

ސަން އައިލެންޑް ރިސޯޓުގައި މި މުބާރާތް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި 28 ގައުމަކުން 86 ޕެއާ ވާދަކުރެއެވެ. މިއީ މި ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބާއްވާ ތިންވަނަ ފަހަރެވެ.