ކުޅިވަރު

ސިޓީ ކައުންސިލް ބަލިވުމުން މޯލްޑިވިއަން އާއި އާރްއާރްސީ ދެވަނަ ބުރަށް


ކުލަބު މޯލްޑިވްސް ކަޕް 2022 ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ޓީމު މާލޭ ސިޓީ ކައުންސިލް ބަލިވުމާއެކު ގަދަ 16 ޓީމު ވާދަކުރާ މުބާރާތުގެ ދެވަނަ ބުރުން މޯލްޑިވިއަން އަދި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަށް ޖާގަ ލިބިއްޖެއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ނަންބަރު ދަނޑުގައި ކުޅުނު މެޗުން ސިޓީ ކައުންސިލް ބަލިވީ މޯލްޑިވިއަން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި މޯލްޑިވިއަން އަށް ލީޑު ނަގައިިދިނީ ހުސެއިން އަފްސަލެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ސިޓީ ކައުންސިލުން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިމެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގައި ހިމެނޭ މޯލްޑިވިއަން އާއި އާރްއާރްސީއަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނުއިރު، އެއްވަނައިގައި އޮތް އާރްއާރްސީ އާއި ދެވަނައިގައި އޮތް މޯލްޑިވިއަންއަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ސިޓީ ކައުންސިލާއި ހަތަރުވަނައިގައި އޮތް މީޑިއާނެޓް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު އަނެއް މެޗުން ގްރޫޕް އޭގައި ހިމެނޭ ޓިމު އެމްޓީސީސީ ވަނީ މިފްކޯ ރެކްރިއޭޝަން ކުލަބު އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ރެހެންދި ފުޓްސަލް އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފަޒަލް އާއި، އަލީ ލިރުއާމް އަދި ކެޕްޓަން އަލީ ނާފިއުއެވެ. އަދި މިފްކޯގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ރިފްޝާނާއި ސޮފްވާނު އަދްނާނެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ ދެ ވަނައިގައި އޮތް ފެން ކުލަބާއި ތިންވަނައިގައި އޮތް އެމްޓީސީސީއަށް ވަނީ ދެ މެޗު ކުޅެގެން ތިން ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތީ ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ވެމްއެވެ. އަދި ފުލުގައި އޮތް މިފްކޯ ވަނީ ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.