ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރުމުމަށް ހަމަޖެހިފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވަނީ އަދ. މާމިގިލި، ކ. ގުރައިދޫ އަދި އެ އަތޮޅު ހުރާގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތްތަކެވެ.
އެގޮތުން މާމިގިއްޔާއި ގުރައިދޫ ފުޓްބޯޅަ ދަނޑުތަކުގައި ލައިޓް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންމެ ދަނޑެއްގެ މަޝްރޫއު ފިއުޗާ ހޯމްސްއާ ހަވާލުކޮށްފައިވަނީ 2.88 މިލިޔަން ރުފިޔާއަށް، 20 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.
މީގެ އިތުރުން ހުރާ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ސީއެމްއޭ ފައިވް ސްޓާ ޕްރައިވެޓް ލިމިޓެޑާވެސް ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ސީއެމްއޭއާ ހަވާލުކޮށްފައިވަނީ 2.26 މިލިޔަން ރުފިޔާއަށް، 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ.
ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ދަނޑުތަކެއް އަޅާފައިވާއިރު، މިހާރުވެސް ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުރިއަށްދެއެވެ. އަދި 2023-2024 ގެ ފުޓްބޯޅަ ސީޒަން ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ފުޓްބޯލް އެސޯސިޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މަސައްކަތްކުރަމުން އަންނައިރު، މި ދަނޑުތަކުގެ ސަބަބުން އެ މަސައްކަތަށް ލުއިތަކެއް ލިބިގެންދާނެއެވެ.