ރާއްޖޭގައި މިހާރު ކުރިއަށްދާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާ 2022 މޯލްޑިވްސް ޗެލެންޖުގެ މެއިން ޑްރޯގައި ވާދަކޮށް ދެ މެޗުން ބަލިވެ، އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ކަޓައިފިއެވެ.
ސަން އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މޯލްޑިވްސް ޗެލެންޖުގެ މެއިން ޑްރޯގައި ޖުމްލަ 24 ޕެއާ ވާދަކުރިއެވެ.
ހުކުރު ދުވަހު ރާއްޖޭގެ ޕެއާ އެންމެ ފުރަތަމަ ނުކުތީ ވަރުގަދަ ބްރެޒިލް އާއި ދެކޮޅަށެވެ. ބްރެޒިލްގެ ވިނީސިއަސް އާއި އިވާންދްރޯގެ ޕެއާ އަތުން ރާއްޖޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ބްރެޒިލްގެ ޕެއާއިން ވަނީ ފަސޭހަކަމާއެކު 21-10 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު މެޗުގެ ދެވަނަ ސެޓުގައި ކުޑަކާއްޓެ އާއި އެޑަމާގެ ޕެއާއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓު ބްރެޒިލްގެ ޕެއާއިން ކާމިޔާބުކުރީ 21-18 އިންނެވެ.
ދެވަނަ މެޗުގައި ރާއްޖޭގެ ޕެއާއިން ނުކުތީ ތައިލެންޑުގެ އެއް ނަމްބަރު ޕެއާ އާއި ދެކޮޅަށެވެ. އެ މެޗު ތައިލެންޑުގެ ސުރީން އާއި ބަންލުއީ އިން ކާމިޔާބުކުރީވެސް ސީދާ ދެ ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއިން ލީޑުގައި އޮވެގެން ކުޅުނު ނަމަވެސް ސެޓުގެ ފަހުކޮޅު ކައިރިކައިރީ ހޯދި ހަތަރު ޕޮއިންޓާއެކު 22-20 ތައިލެންޑުގެ ޕެއާއިން ވަނީ ސެޓު ގެންގޮސްފައެވެ.
މި މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. މި ސެޓު ތައިލެންޑުގެ ޕެއާއިން ކާމިޔާބުކުރީ 21-6 އިންނެވެ.
މުބާރާތުގައި ހޮނިހިރު ދުވަހު ކުރިއަށްދާނީ ގަދަ 16 ގެ މެޗުތަކެވެ.