ކުޅިވަރު

އެލް ކްލަސިކޯގައި ބާސާއިން ޑްރޭކްގެ ލޯގޯ ޖެހި ޖާޒީ ބޭނުންކުރަނީ


ސްޕޮޓިފައިގައި 50 ބިލިއަން ސްޓްރީމްސް އެންމެ ފުރަތަމަ ހާސިލުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗުގައި ބާސެލޯނާއިން ޑްރޭކުގެ ލޯގޯ ޖެހި ޖާޒީ ބޭނުންކުރަން ނިންމައިފިއެވެ.

ބާސާގެ މައި ސްޕޮންސަރއަކީ ސްޕޮޓިފައި ކަމުން ދެފަރާތުގެ މެދުގައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ކަންކަން ފާހަގަކުރުމުގައި ހާއްސަ ގޮތްތަކެއް ގެންގުޅުމަށް ވަނީ އެއްބަސްވެވިފައެވެ.

އެހެންކަމުން ދުނިޔޭގައި ކުޅޭ ޑޮމެސްޓިކް ލީގުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުރިމަތިލުން ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުމުގައި ބާސާއިން ބޭނުން ކުރާ ޖަރޒީގައި މައި ސްޕޮންސަރ ސްޕޮޓިފައިގެ ލޯގޯގެ ބަދަލުގައި މި މެޗްގައި އިންނާނީ ޑްރޭކް ރަމްޒުކޮށްދޭ އޯވީއޯ އައުލް ލޯގޯއެވެ. މިއީ ފުޓްބޯޅަ އައި މިއުޒިކްގެ މެދުގައި ވާ ގާތްކަން އިތުރު ކުރުމަށްޓަކައި ބާސާ އާއި ސްޕޮޓިފައި އިން ރާވާފައިވާ ކަމެކެވެ.

މި މެޗްގެ ކުރިން ވަރމްއަޕް ގައި ބޭނުންކުރާ ޖަރޒީގެ ކުރިމަތީގާ އިންނާނީ ސްޕޮޓިފައި ލޯގޯ ކަމަށާއި އަދި ފަހަތުގައި ޑްރޭކް ފިފްޓީ ޖަހާފައިވާނެކަމަށްވެސް ބާސާއިން ހާމަކުރެއެވެ. މިއީ ބާރސާގެ ތާރީހްގައި މައި ސްޕޮންސަރ ނޫން ބައެއްގެ ލޯގޯ ޖަރޒީގައި ޖަހައިގެން ކުޅޭ ފުރަތަމަ މެޗެވެ.

ރެއާލްގެ ދަށުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ނިކުންނައިރު ބާސާ އާއި ރެއާލް އުޅެނީ ޕޮއިންޓް ތާވަލްގެ އެއްވަނަ އަދި ދެވަނައިގައެވެ. ނަމަވެސް އެއީ އަށް މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ދެ ޓީމް އެއްވަރުވެ ފައިދާ ގޯލަށް ބަލާއިރު ބާސާއަށް ކުރި ލިބޭތީއެވެ. އެހެންކަމުން މި މެޗްގެ ފޯރި މިހާރު މިވަނީ އިތުރަށް ގަދަވާގޮތް ވެފައެވެ.