އިޓާލިއަން ލީގުގައި ސަސުއޮލޯ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެޓަލާންޓާ ޖެހިލައިފިއެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ސަސުއޮލޯއިން ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެޓަލާންޓާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ސަސުއޮލޯއިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޖިއޯޖޯސް ކީރިއަކޮޕޯލޮސްއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ފަސް މިނެޓްފަހުން އެޓަލާންޓާއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މާރިއޯ ޕަސަލިޗްއެވެ. އަދި މި މެޗުން އެޓަލާންޓާ މޮޅުވި ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހާދިނީ އަޑެމޯލާ ލޫކްމަންއެވެ. މި މެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް ނަތީޖާއަށް އިތުރު ބަދަލެއް އަންނަ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު އެޓަލާންޓާ މިވަނީ ކުޅުނު 10 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ވަގުތީ ގޮތުން އަރާފައެވެ. އެއީ ކުރިން އެއްވަނައިގާ އޮތް ނަޕޯލީއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ނަމަވެސް އިޓާލިއަން ސެރީއާގައި މިރޭ ކުޅޭ މެޗްތަކާއެކު ތާވަލަށް އިތުރު ބަދަލު އައުން ވަރަށް ގާތެވެ. މިމެޗުން ބަލިވުމާއެކު ސަސުއޮލޯ އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.