ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލުގެ ތިންވަނައަށް އެތުލެޓިކޯ މެޑްރިޑް ޖެހިލައިފިއެވެ.
ބިލްބާއޮގެ ދަނޑުގައި ކުޅުނު މިމެޗް އެޓްލެޓިކޯ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބިލްބާއޯއެވެ. ނަމަވެސް އެޓީމަށް އެޓްލެޓިކޯ އާއި ދެކޮޅަށް މި މެޗްގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުޅުންތެރިފިތާ ދެވަނަ މިނެޓްގައި އެޓްލެޓިކޯއަށް ކާމިޔާބުކޮށްދީ މި މެޗްގައި އެޓީމަށް ލީޑު ނަގާދިނީ ފަރަންސޭސިވިލާތުގެ ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.
މިއީ އޭނާ އެޓްލެޓިކޯއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ. އަދި މިއީ އޭނާގެ ލޯން އެއްބަސްވުން ދާއިމީ ކުރިފަހުން އެޓީމަށް ޖަހާދިން ފުރަތަމަ ލަނޑުވެސްމެއެވެ. މި މެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމުންވެސް ތަނަވަސްކޮށްފައިވެއެވެ.
މި ކާމިޔާބީއާއެކު އެޓްލެޓިކޯއަށް މިހާރުވަނީ 9 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެއްވަނަ އާއި ދެވަނައިގައި އުޅޭ އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި މި މެޗުން ބަލިވި ބިލްބާއޮ ވަނީ 17 ޕޮއިންޓާއެކު ހަތަރުވަނައަށް ވެއްޓިފައެވެ.