ކުޅިވަރު

އަނިޔާގެ ސަބަބުން ރީސް ޖޭމްސްއަށް ވޯލްޑް ކަޕް ގެއްލުން ގާތް


އިންގްލަންޑް ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ރީސް ޖޭމްސްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުގައި އޭނާ ފެނުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމަށް މަދުވެގެން އަށް ހަފްތާ ބޭނުންވާނެއެވެ. ޖޭމްސްގެ ކަކުލަށް އަނިޔާވެފައިވަނީ ޗެލްސީ އެންމެފަހުން ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗްގެ ދެވަނަ ހާފްގައެވެ.

ވޯލްޑް ކަޕް ފެށެން މިހާރު މިވަނީ ފަސްވަރަކަށް ހަފްތާއަށް ވެފައެވެ. މިއާއެކު އިންގްލަންޑަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތައް މިވަނީ އަނެއްކާވެސް އިތުރުވެފައެވެ. މިވަގުތުވެސް އެޓީމްގެ ދެ ޑިފެންޑަރުން ކަމަށްވާ ކައިލް ވޯކަރ އާއި ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް ތިބީ އަނިޔާގައެވެ. ވޯކަރ ވަރަށް ފަހުން ހާމަކުރިގޮތުގައި ކުރިއަށް އޮތް ވާރލްޑް ކަޕަށް ފިޓްވުމަށް އޭނާ އުންމީދު ކުރާކަމަށެވެ.

ޗެލްސީން ހާމަކުރިގޮތުގައި ޖޭމްސް ވަނީ ކްލަބްގެ ފަރާތުން މެޑިކަލް ޓްރީޓްމަންޓް ހޯދާއަދި ސްޕެޝަލިސްޓަކަށް ވެސް ދައްކާފައެވެ. ޗެލްސީގެ ކޯޗް ގްރަހަމް ޕޮޓަރ ހާމަކުރިގޮތުގައި ޖޭމްސްއަށް ވާރލްޑް ކަޕްގައި ކުޅެވޭގޮތް ނުވެއްޖެނަމަ އޭނާ ވަރަށް ދެރަވާނެކަމަށެވެ. ނަމަވެސް މިޕްރޮފެޝަންގައި އަދި އެންމެ މަތީ ފެންވަރުގައި ކުޅޭއިރު ކުރިމަތިވެދާނެކަމެއްކަން އޭނާއަށް އެނގޭކަމަށެވެ.

ޖޭމްސްއަށް ކުޅެވޭނެކަމުގެ އުންމިދު ވަރަށް ހަނި ނަމަވެސް އޭނާ ހުރީ އެންމެ ފަހު ވަގުތާ ޖެހެންވެސް ވޯލްޑްކަޕަށް ފިޓުވެވޭތޯ މަސައްކަތް ކުރަން ތައްޔާރަށެވެ.