ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްއިން ޓިއުނީޝިއާއަށް ލޯނު އެހީ


1.9 ބިލިއަން އެމެރިކާ ޑޮލަރުގެ ރެސްކިއު ޕެކޭޖެއް އެކުލަވާލުމަށް ޓިއުނީޝީއާ އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއާއެކު ސްޓާފް ލެވެލް އެއްބަސްވުމަކަށް އައިސްފައިވާކަމަށް އައިއެމްއެފްއިން ބުނެފިއެވެ.

އައިއެމްއެފްއިން ބުނާގޮތުން އެ ޕެކޭޖު ޑިސެމްބަރުމަހު ފައިނަލް ކުރެވޭނެއެވެ.

ސްޓާފް ލެވެލްގެ އެއްބަސްވުމަކީ އައިއެމްއެފްގެ އެކްސްޓެންޑް ފަންޑް ފެސިލިޓީ މެދުވެރިކޮށް 1.9 ބިލިއަން ޑޮލަރުގެ 48 މަސް ދުވަހުގެ ޕެކޭޖެއް ހެދުމަށް ނިންމާފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޓިއުނީޝިއާގެ މުޖްތަމައުގެ ރައްކާތެރިކަން ވަރުގަދަ ކުރުމާއި، ޓެކްސްގެ ހަމަހަމަކަން ގާއިމުކޮށް، އިގްތިސާދީ ގޮތުން ގެންނަންޖެހޭ އެހެނިހެން އިސްލާހުތައް ގެނެސް ވަޒީފާތައްވެސް އުފައްދަން ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމާއިމެދު އަންނަ ޑިސެމްބަރުމަހު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނު އެހީ އަކީ އައިއެމްއެފްގެ ބޯޑުގެ ރުހުން ހޯދަން ޖެހޭ ކަމެއްކަމަށް އެ ފަންޑުން ބުނެއެވެ.

އައިއެމްއެފްގެ މި ލޯނު އެހީގައި ޓިއުނީޝިއާގެ މާލިއްޔަތު ދެމެހެއްޓެނިވި ގޮތެއްގައި އެ ގައުމުން ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ލޯނުގެ އެހީތެރިކަން ފޯރުކޮށްދޭ އެހެން ފަރާތްތަކަށް ދިނުމަށް މި އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެކެވެ.


ޓިއުނީޝިއާގެ އިސް އޮފިޝަލަކު ވިދާޅުވީ މި އެއްބަސްވުމަކީ ޓިއުނީޝިއާގެ އާންމު މާލިއްޔަތަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި، އަދި މިކަމުގެ ސަަބަބުން ޓިއުނީޝިއާއަށް ބައެއް ބައިލޭޓަރަލް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ޕެޓްރޯލް ލިބުން ދަތިވެ، ޕެޓްރޯލް ހޯދަން ކިއޫގައި ގިނަ އިރު މަޑުކުރަން ޖެހުމާއިއެކު، އާންމުންގެ ބޭނުންތައް ފުއްދާނުދެވިއްޖެ ނަމަ ހަމަނުޖެހުން ހިންގާނެކަމަށް އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ޓިއުނީޝިއާގެ ބާރުގަދަ ޔޫޖީޓީޓީ ލޭބަރ ޔޫނިއަނުން ވަނީ އިންޒާރު ދީފައެވެ.

ދައުލަތުގެ މާލިއްޔަތަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހި މިކަމުގެ ސަބަބުން ދަރަނި އަދާކުރަންޖެހޭ ވަގުތުގައި އަދަނުކުރެވިދާނެކަމުގެ ނުވަތަ ޑެޓް ޑީފޯލްޓް ވެދާނެކަމުގެ ބިރު އުފެދި، ކާބޯތަކެއްޗާއި ތެލުގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާތީ ބައިނަލްއަގްވާމީ އެހީތެރިކަން ޓިއުނީޝިއާއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތާ މަސްތަކެއް ވެއްޖެކަމަށް އެގައުމުގެ އިގްތިސާދު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.