ކުޅިވަރު

ލީޑްސް ބަލިކޮށް އާސެނަލަށް ހަތަރު ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް އާސެނަލުން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗް އާސެނަލް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އާސެނަލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސް އިންނެވެ. މެޗް ފެށިތާ ފުރަތަމަ މިނެޓްގައި ދަނޑުގައި ހިނގި ކަރަންޓް ކެނޑުމުގެ ހާދިސާ އަކާއި ގުޅިގެން އެކަން ހައްލުވަންދެން 40 މިނެޓަށް މެޗް މެދުކަނޑާލަން ޖެހުމެނެވެ.

މިކަން ކުރަން ޖެހުނީ ވިޑިއޯ އެސިސްޓަންޓް ރެފްރީ އާއި މެޗްގެ ރެފްރީ އާއި އޮތް ގުޅުން ކެނޑި އަދި ގޯލް ލައިން ޓެކްނޮލޮޖީގެ ހިދުމަތްވެސް ކެނޑުމާ ގުޅިގެންނެވެ. މެޗްގައި އާސެނަލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ ބުކާޔޯ ސާކާއެވެ. މިއީ އޭނާ އާސެނަލްއަށް މި ސީޒަންގައި ކާމިޔާބުކޮށްދިން ހަތަރު ވަނަ ލަނޑެވެ.

މި މެޗްގެ 64 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލީޑްސް އަށް ލިބިގެންދިޔައެވެ. މިގޮތުން ލީޑްސްއަށް ލިބިގެންދިޔަ ޕެނަލްޓީއެއްވަނީ ޕެޓްރިކް ބެންފަޑް އަތުން ބޭކާރުވެފައެވެ. އޭނާ ޖެހި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗްގެ އިތުރު ވަގުތުގައި މެޗްގެ ރެފްރީ ކްރިސް ކަވަނާގްވަނީ އާސެނަލްގެ ގެބްރިއެލް ލީޑްސްގެ ބެމްފަޑްއަށް ފައުން ކުރިކަމަށް ނިންމާ ގެބްރިއަލް އަށް ރަތް ކާޑު ދައްކާ ލީޑްސްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވިއޭއާރުން ބެލުމަށްފަހު އެދެނިންމުންވެސް އަނބުރާ ގެންގޮސްފައެވެ.

މި ކާމިޔާބީއާއެކު އާސެނަލްއަށް މިހާރުވަނީ ކުޅުނު 10 މެޗުން 27 ޕޮއިންޓް ލިބި ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރޭ ބަލިވުމާއި ގުޅިގެންނެވެ. އަދި ލީޑްސް އުޅެނީ 9 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.