އިޓާލިއަން ލީގުގައި ބޮލޯނިއާ ބަލިކޮށް ނާޕޮލީން ތާވަލުގެ އެއްވަނައަށް އަނެއްކާވެސް ޖެހިލައިފިއެވެ.
ނާޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމު ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޮލޯނިއާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ނާޕޮލީންނެވެ. މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބޮލޯނިއާއިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޖޯޝުއާ ޒަރކްޒީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަޕޯލީއިން ވަނީ ހުއާން ޖޭސޫސްގެ ލަނޑަކާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗްގައި ނަޕޯލީއިން އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ މެޗްގެ 49 ވަނަ މިނެޓގައި ހަރވިންގ ލޮޒާނޯ ޖަހާދިން ލަނޑުންނެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ބޮލޯނިއާއިން ވަނީ މޫސާ ބަރޯ ޖަހާދިން ލަނޑަކާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން ނާޕޮލީ މޮޅުވި ލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 69 ވަނަ މިނެޓްގައި ވިކްޓަރ އޮސިމްހެންއެވެ.
މި ކާމިޔާބީއާއެކު ނާޕޮލީ އުޅެނީ 10 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާ، ދެވަނައިގާ އުޅޭ އެޓަލާންޓާގެ މައްޗަށް ދެޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނާޕޮލީން މަސައްކަތް ކުރަމުން ދަނީ 1990 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ސެރީއާގެ ތަށި ކާމިޔާބުކުރުމަށެވެ. ސެރީއާގައި އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ވެރޯނާ ރޭ ބައްދަލުކުރި މެޗް 2-1 އިން ކާމިޔާބުކޮށް މިލާން މިހާރު ވަނީ ތަވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ.