ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެމެދު ކުޅުނު މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ނަމަވެސް މި މެޗްގައި ރެއާލްގެ މައްޗަށް ބާސާއަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.
މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ކެޕްޓަން ކަރީމް ބެންޒީމާއެވެ. އަދި މެޗްގެ 35 ވަަނަ މިނެޓްގައި ރެއާލްގެ ލީޑް އެޓީމަށް ފުޅާކޮށްދިނީ ފެޑެރީކޯ ވަލްވަރޑޭއެވެ. މި މެޗްގައި ބާސާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ފެރާން ޓޯރޭޒްއެވެ.
ނަމަވެސް މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކާއެކު ރެއާލުން ވަނީ އަނެއްކާވެސް ދެ ލަނޑު ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ރޮޑްރިގޯއެވެ.
250 ވަނަ އެލް ކްލަސިކޯގައި ރެއާލް އިން ހޯދި މި ކާމިޔާބީއާއެކު އެޓީމް މިވަނީ 9 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ބާސެލޯނާ މިހާރު އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ.