ޚަބަރު

ތިން ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝަހީބު


ދިވެހި ރާއްޖެއިން ތިން ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ.ޖެހޭވައި، އިބްރާހީމް ޝަހީބު އައްޔަން ކުރުމަށްޓައި ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބު އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވީ ކިންގްޑަމް އޮފް ބޫޓާން، ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ނޭޕާލް އަދި ރިޕަބްލިކް އޮފް އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައެވެ.

މިތިން ޤައުމުގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝަހީބު އައްޔަން ކުރުމަށްޓަކައި މިމައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ވަނީ ފޮނުވިފައެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިބްރާހީމް ޝަހީބް، މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.