ޚަބަރު

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ހެއްކާބެހޭ ބިލަށް އިސްލާހު ހުށަހަޅައިފި


ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއެވެ.

ބިލުގެ ފުރަތަމަ ކިޔުން މިއަދު އިއްވާފައިވާއިރު ބިލުގެ ބަހުސް މަރުހަލާ މިފެށޭ ހަފްތާގައި ކުރިއަށް ގެންދާނެކަމަށް ބެލެއެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މި ބިލު އެކުލަވާލާފައި ވަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މިބިލުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މި އިސްލާހުގައި ތަފްސީލްކޮށްދީފައި ވެއެވެ. އެގޮތުން ޓެރަރިޒަމްގެ ކުށެއްގައި ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެފަދަ ޢަމަލެއް އެކުލެވޭ ކުށެއްގެ ދައުވާއާއި ގުޅޭ ޝަރީއަތުގައި ނޫސްވެރިއަކަށް މައުލޫމާތު ދިން މީހަކީ ކާކުކަން އަންގައިދޭ މައުލޫމާތެއް ހާމަ ކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރަންޖެހޭ ފަދަ ހާލަތެއް ވުޖޫދުގައި ވާނަމަ އެފަދަ އަމުރެއް ނެރެދިނުމަށް އެދި ޕީޖީ އަށް ކޯޓަށް ހުށަހެޅިދާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މިފަދަ މައުލޫމާތެއް ނޫސްވެރިޔާ ނުވަތަ ނޫސްވެރިޔާ މަސައްކަތްކުރާ ތަނުން ހޯދުމަށް ބޭނުންވާ ހެކިވެސް ކޯޓަށް ހުށަހަޅަންޖެހެއެވެ. މިފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި މައްސަލާގައި ގޮތެއް ނިންމަންޖެހެއެވެ.

މި އިސްލާހުގައި ޓެރެރިޒަމްގެ ކުށްކަމަށް ބުނެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތަކަށެވެ.