ޚަބަރު

އޮޑިޓް އޮފީހުން 95 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި


އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 95 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ބަޖެޓް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުން އަންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މިބަޖެޓާއި ގުޅޭ ތަފްސީލް އޮޑިޓް އޮފީހުން ވަނީ ދެއްވާފައެވެ. އޮޑިޓް އޮފީހުން ހުށަހެޅި 95 މިލިޔަން ރުފިޔާގެ ބަޖެޓްގެ 62 މިލިޔަން ރުފިޔާއަކީ ރިކަރެންޓް ޚަރަދަށް ހިނގާނެކަމަށް ބެލެވޭ ފައިސާއެވެ. އަދި 32 މިލިޔަން ރުފިޔާއަކީ ކެޕިޓަލް ޚަރަދުތަކެވެ. މިދިޔަ އަހަރަށް އޮޑިޓް އޮފީހަށް ފާސްކޮށްފައިވަނީ 90 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅަމުން އޮޑިޓް އޮފީހުން ވިދާޅުވީ އަންނަ އަހަރު އެއޮފީހުން 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އޮޑިޓްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާ އޮޑިޓްތަކުގެ ތެރޭގައި މުޅި ދައުލަތުގެ އޮޑިޓް ކަނޑައެޅިފައިވާ ތާރީޚުގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި 88 ކައުންސިލެއް އެއޮފީހުން އޮޑިޓް ކުރާއިރު، ބާކީހުރި ކައުންސިލްތައް އައުޓްސޯސްކޮށްގެން އޮޑިޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ އޮޑިޓްތަކުގެ ތެރޭގައި ސަރުކާރުން އެކި ފަރާތްތަކަށްދޭ ގެރެންޓީ އޮޑިޓާއި، އެސްއޯއީތަކުގެ އޮޑިޓާއި، 4 ޕަބްލިކް ފަންޑު އޮޑިޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ އޭގެ ސަބަބުން ކިހާވަރަކަށް ފައިދާ ކުރާނެ މަސައްކަތްތަކެއްތޯ ބެލުމަށްވެސް އޮޑިޓް ކުރާނެކަމަށެވެ.

އެއޮފީހުން ވިދާޅުވީ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ކުރިއަށް ދިއުމަށް ކަމަށް ޤާބިލް މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ކުރެވޭ މަސައްކަތުގެ އިތުބާރު ހިފެހެއްޓޭގޮތަށް އޮޑިޓްގެ މަސައްކަތް ކުރުމަށް ކަމަށެވެ.