ދުނިޔޭގެ ވިޔަފާރި

ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން 71 މިލިއަން މީހުން ހާލުގައި


ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން 71 މިލިއަން މީހުން ހާލުގައި ޖެހޭނެކަމަށް އދ.ގެ ޑިވެލޮޕްމަންޓް ފަންޑް، ޔޫއެންޑީޕީން ލަފާކޮށްފިއެވެ.

މި ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލި، ދުނިޔޭގައި ފަގީރުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ޔޫއެންޑީޕީން ނެރުނު ރިޕޯޓުގައިވެއެވެ. ރަޝިޔާ އާއި ޔޫކްރޭން ހަނގުރާމައިގެ އަސަރުތަކާ ބެހޭގޮތުން ޔޫއެންޑީޕީން ނެރުނު ރިޕޯޓުގައިވާ ގޮތުން ފެބްރުއަރީ 24 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 51 މިލިއަން މީހުން ވަނީ ފަގީރެއް ކަމަށް ކަނޑައާޅާ މިންގަނޑަށްވުރެވެސް ދަށަށް ވެއްޓިފައެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ފަގީރުންގެ އަދަދު %9 އަށް އިތުރުވެފައިވާއިރު، މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ގާތްގަނޑަކަށް 20 މިލިއަން މީހުންގެ ދުވާލަކު ލިބޭ އާމްދަނީވެސް ފަގީރުކަމަށް ކަނޑައަޅާ މިންގަޑުގައިވާ އަދަދު ކަމަށްވާ 3.20 ޑޮލަރަށް ވުރެ ދަށަށް ވަނީ ވެއްޓިފައެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން 163 މިލިއަން މީހުން ހާލުގައި ޖެހިފައިވާކަމަށްވެސް ޔޫއެންޑީޕީން ބުނެއެވެ. ހަނގުރާމާއާ ހެދި ހާލުގައި ޖެހޭ މީހުން އަދިވެސް ދަނީ އިތުރުވަމުން ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދެކެއެވެ. އެ ގޮތުން އެ އަދަދު 75-95 މިލިއަނަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ. އަދި ކާބޯތަކެތީގެ އިންފްލޭޝަންގެ ސަބަބުން ފަގީރުންނަށް އިތުރަށް އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު، މަދުން އާމްދަނީ ލިބޭ ގައުމުތަކުގައި ބޮލަކަށްޖެހޭ އާމްދަނީގެ ތިންބައިކުޅަ ދެބައި ޚަރަދުކުރާނީ ކާބޯތަކެއްޗަށް ކަމަށް ޔޫއެންޑީޕީގެ ރިޕޯޓުގައިވެއެވެ.

ފަގީރުންގެ ދެބައިކުޅަ އެއްބައި ދިރިއުޅެނީ ދެކުނު އޭޝިއާގައެވެ. ސަބް ސަހަރާން އެފްރިކާގެ ފަގީރުން، ދުނިޔޭގެ ފަގީރުންގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާއިރު، މެދުއިރުމައްޗާއި އުތުރު އެފްރިކާގައި 2015 ވަނަ އަހަރުން ފެށިގެން ފަގީރުންގެ އަދަދު ވަނީ ދެގުނައަށް ވުރެ އިތުރުވެފައެވެ.

ފާއިތުވި 30 އަހަރު ތެރޭގައި ފަގީރުކަން ކުޑަކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކޯވިޑުގެ ބަލިމަޑުކަންކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށް ރިޕޯޓުގައިވެއެވެ.

ޔުކްރޭން ހަނގުރާމާގެ ސަބަބުން ހާލުގައި ޖެހެނީ ހަމައެކަނި ކާބޯތަކެތި ނުލިބިގެން ނޫން ކަމަށް ޔޫއެންޑީޕީގެ ބަޔާނުގައި ވެއެވެ. ދަތުރުފަތުރުކުރުމަށާއި ގަދަ ފިނިން ރައްކާތެރިވުމަށް ބޭނުންވާ ހަކަތަ ލިބުމަށް ބުރޫ އަރައި މަގު ބަންދުވުމަކީ ވެސް ހާލުގައި ޖެހުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކާބޯތަކެއްޗާއި ހަކަތައިގެ ކޮންމެވެސް ވަރެއް ސަޕްލައި ކުރެވުނު ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ތަކެތީގެ އަގު އުފުލުން ކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން މަސައްކަތްތެރިންނަށް ވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މަސައްކަތް ކުރެވޭނެ ގޮތެއް ނެތި ސިނާއީ ބައެއް މަރުކަޒުތައް ބަންދުކުރަން ޖެހުމަކީވެސް އާމްދަނީ ލިބުމަށް އެޅުނު ހުރަހެއް ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އަރައި ނުގަނެވިގެން އުޅެނިކޮށް ކުރިމަތިވި ހަނގުރާމައިގެ ސަބަބުން ނިކަމެތިން ހައްތަހާ އިތުރުވެފައިވާކަމަށްވެސް ޔޫއެންޑީޕީން ނެރުނު ރިޕޯޓުގައިވެއެވެ.

ތަކެތީގެ އަގުތަކަށް އަދިވެސް ދެމެހެއްޓެނިވި ލުޔެއް ލިބިފައިނެތްއިރު، ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ޔޫއެންޑީޕީން ވަނީ ލަފާކޮށްފައެވެ. އަދި އެއީވެސް ހާލުގައި ޖެހުން އިތުރުވާނެ ސަބަބެއްކަމަށް ޔޫއެންޑީޕީން ބުނެއެވެ.