ބާސެލޯނާ އަންހެން ޓީމުގެ ކެޕްޓަން އެލެކްސިއާ ޕުޓެޔާސް، އަންހެން ބަލޮންޑޯ ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މިދިޔަ އަހަރުގެ ބެލޮން ޑިއޯ ހާސިލް ކޮށްފައިވަނީވެސް ޕުޓެޔާސްއެެވެ.
އުމުރުން 28 އަހަރުގެ ސްޕެއިންގެ މިކުޅުންތެރިޔާގެ ފަޔަށް ލިބުނު އަނިޔާ އާއި ގުޅިގެން މިއަހަރު ބޭއްވި ވިމެންސް ޔޫރޯ 2022 ގައި އޭނާއަށް ކުޅެވޭގޮތްވަނީ ނުވެފައެވެ. އެއަނިޔާގެ ކުރިން ޕުޓެޔާސްއަކީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 10 މެޗްގައި 11 ލަނޑު ބާރސާއަށް ޗެމްޕިއަން ލީގުގައި ކާމިޔާބު ކޮށްދީފައެވެ. މިފަހަރު މިބައިން ދެވަނަ ހާސިލް ކޮށްފައިވަނީ އާސެނަލް ވިމެންއަށް ކުޅޭ އިންގްލަންޑްގެ ފޯވަޑް ބެތު މީޑް އެވެ. އޭނާވަނީ ޔޫރޯ 2022 ގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށް އިންގްލަންޑަށް ޔޫރޯ ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިބައިން ތިންވަނަ ހާސިލް ކުރީ ޗެލްސީ ވިމެންގެ ސޭމް ކާއެވެ.
އެވާރޑާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ޕުޓެޔާސް ހާމަކުރިގޮތުގައި އޭނާއަށް ލިބިފައިވާ އަނިޔާއިން މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް އަދި ކުޅެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި މިއެވާރޑް ދެވަނަ ފަހަރަށް ހާސިލް ކުރެވުމުން ވަރަށް އުފާވާކަމަށް އޭނާ ހާމަކުރިއެވެ. އަދި މިދިޔަ އަހަރު މިއެވާރޑް ލިބުމުން މިފަހަރަށްވެސް އެކަން ހާސިލް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އަދި މިކަން އޭނާ އާއެކު ކުޅޭ ކުޅުންތެރިންގެ އެހިތެރިކަން ނުލިބޭނަމަ ހާސިލް ނުކުރެވޭނެކަމަށްވެސް އޭނާ ހާމަކުރިއެވެ.