ދުނިޔޭގެ ވިޔަފާރި

ވޯލްޑް ކަޕަށް ދޯހާ އެއަރޕޯޓުން ޖާގަދޭން ޤަަތަރު އެއަރވޭސްގެ ދަތުރުތައް މަދުކޮށްލަނީ


ވޯލްޑް ކަޕަށް އަންނަ ފަސިންޖަރުންނަށް ދަތުރުތަކަށް ފުރުސަތު ދޭން ގަތަރު އެއާވޭސްއިން ފްލައިޓްތައް މަދުކޮށްފި

ގަތަރުގައި އަންނަ މަހު ބާއްވާ ވޯލްޑް ކަޕަށް ސަޕޯޓަރުން ގެންދާ ފްލައިޓްތަކަށް ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ދިނުމަށް ގަތަރު އެއާވޭސްގެ 18 މަންޒިލަކަށް ދަތުރުކުރާ ފްލައިޓްތައް މަދުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.

ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލްބަކަރް ވިދާޅުވި ގޮތުގައި އެމީހުން މިހާރު އެންމެ އިސްކަން ދެނީ މުބާރާތަށް ގަތަރަށް ޖައްސާ އެތައް ސަތޭކަ ފްލައިޓެއް އެއާޕޯޓުގައި ޖެއްސޭނެގޮތް ހަމަޖެއްސުމެވެ.

ދުވާލަކު ގާތްގަނޑަކަށް 500 ޝެޑިއުލް ފްލައިޓްތަކުގެ އިތުރުން އިތުރު އެތައް ސަތޭކަ ޗާޓަރު ފްލައިޓާއި ޕްރައިވެޓް ޖެޓްތަކެއް ދަތުރުކުރާނެކަމަށް ލަފާކުރާ ގަތަރުގައި ވޯލްޑް ކަޕް ބާއްވަނީ އަންނަ ނޮވެމްބަރު މަހުގެ 20 އިން ޑިސެމްބަރު 18 އަށެވެ. އަދި ވޯލްޑް ކަޕަށް ގާތްގަނޑަކަށް 1.2 މިލިއަން މީހުން އެގައުމަށް ޒިޔާރަތްކުރާނެއެވެ.

ދޯހާގެ މެދުތެރެއިން 40 ކިލޯމީޓަރު ދުރުގައި އޮންނަ 8 ސްޓޭޑިއަމެއްގައި މެޗްތައް ކުޅެން ހަމަޖެހިފައިވާއިރު، ޖުމްލަ 32 ގައުމަކުން މުބާރާތުގައި ބައިވެރިވާނެއެވެ.

ޗީފް އެކްޒެކްޓިވް އަކްބަރު ވިދާޅުވިގޮތުގައި ސަޕޯޓަރުން ގެނައުމަށް ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖާގަ ދިނުމުގެ ގޮތުން 18 މަންޒިލަކަށް ފްލައިޓްތައް ވަނީ މަދުކޮށްފައެވެ. އަދި ކުންފުނިން އިސްކަންދެނީ ވިހާވެސް ގިނަ ގައުމުތަކުގެ ފްލައިޓްތަކަށް ގަތަރަށް ވަދެވޭ ގޮތް ހަމަޖައްސައިދީ ގިނަ އަދަދެއްގެ ފަސިންޖަރުން ގެނައުން ކަމަށްވެސް އަކްބަރު ވިދާޅުވިއެވެ.

ގަތަރު އެއާވޭސްގެ ސީއޯއޯ ބަދުރު މުހައްމަދު އަލް މީރު ވިދާޅުވި ގޮތުގައި މި މުބާރާތަށް ދުވާލަކު އެތައް ސަތޭކަ ފްލައިޓެއް އަންނާނެއެވެ. އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ހަމައެކަނި މެޗުތަކަށް ގަތަރަށް ޒިރާރަތްކުރާނެ ކަމަށްވެސް ބަދުރު ވިދާޅުވިއެވެ.

ޝަޓްލް ފްލައިޓްތަކުގެ ގޮތުގައި ދުވާލަކު 500 ފްލައިޓް އަންނާނެ ކަމަށާއި ޗާޓަރު ފްލައިޓްތަކުގެ އަދަދު އަދި މުޅިން ކަށަވަރު ނުވާ ކަމަށް ބަދު ވަނީ ވިދާޅުވެފައެވެ.