ޚަބަރު

ފަޅައިގެންދިޔަ ހޮޅި މަރާމާތު ނުކުރެވި އޮތީ ސިޓީ ކައުންސިލުން ހުއްދަ ނުލިބިގެން - ސްޓެލްކޯ


ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން މަގުގެ އަޑިން ލޮނު އަރާ މައްސަލަ ޙައްލުނުވެ އޮތީ ފަޅައިގެން ގޮސްފައިވާ ހޮޅި މަރާމާތުކުރުމުގެ މައްސައްކަތަށް މާލޭ ސިޓީ ކައުންސިލުން ހުއްދަނުލިބި ލަސްވެގެންކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. މި ހޮޅި ފަޅައިގެން މަގުމަައްޗަށް ލުނުފެން ލީކުވާ މައްސަލަ ޙައްލުކރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީކައުންސިލުން ހުއްދަ ނުލިބިގެންކަމަށް ސްޓެކްކޯއިން ވިދާޅުވާއިރު، އަނެއްކޮޅުން މާލޭ ސިޓީކައުންސިލުން ވިދާޅުވަނީ ހޮޅި ފަޅައިގެން ދިއުމުން އެ މައްސަލަ ހައްލުކޮށްދިނުމަށް ދެފަހަރެއްގެ މަތިން ސްޓެލްކޯއަށް އަންގައިގެން ވެސް މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ ބޮޑުތަކުރުފާނުމަގުން ސްޓެލްކޯގެ ގޭޓް ނަންބަރު 2ކާއި ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވުމުން ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލިކަމަށެވެ. އަދި އެ ފެނަކީ އެކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް ފެންނާތީ އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދަ އަކަށް ސިޓީކައުންސިލްގައި އެދުނުކަމަށެވެ.

ނަމަވެސް މިހާތަނަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީކައުންސިލުން ހުއްދަދީ އެކަން އަންގާފައިނުވާކަމަށާ، ހޮޅި މަރާމާތު ކުރުމުގެ ހުއްދަތައް އަވަސް ކުރުމަށް، އެކުންފުނިން ސިޓީކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ސިޓީކައުންސިލުން ޖަވާބެއް ނުލިބޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހިދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، ވީއެންމެ އަވަހަކަށް ސިޓކައުންސިލްގެ ހުއްދަ ލިބުން މުހިންމުކަމަށްވެސް ސްޓެކްކޯއިން ވިދާޅުވެއެވެ.