ދުނިޔޭގެ ވިޔަފާރި

އެޑިޑާސްގެ ވިޔަފާރި ދަށްވާނެ ކަމަށް ލަފާކޮށްފި


ކުޅިވަރު ސާމާނު އުފައްދާ ޖަރުމަނުވިލާތުގެ ކުންފުނި އެޑިޑާސްގެ މިއަހަރުގެ ވިޔަފާރި ދަށްވާނެ ކަމަށް ލަފާކޮށްފިއެވެ.

ވިޔަފާރި ދަށްވާނެ ކަމަށް އެޑިޑާސް އިން ލަފާކޮށްފައި ވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކާއިހެދި ކުންފުނީގެ އުފެއްދުންތަކަށް ޗައިނާގައި އޮންނަ ޑިމާންޑް ދަށްވުމާއި ހުޅަނގުގެ ބައެއް މާކެޓްތަކުގެ ޑިމާންޑުވެސް ދަށްވެފައިވާތީއެވެ. މީގެއިތުރުން އެޑިޑާސް އިން އެމީހުންގެ ރަޝިއާ ވިޔަފާރި ހުއްޓާލުމާއި ގުޅިގެން އެއްފަހަރާ ކުރަން ޖެހުނު ޚަރަދު ވަރަށް ބޮޑަށް އިތުރުވުމަކީވެސް ވިޔަފާރި ދަށްވާނެ ކަމަށް ލަފާކޮށްފައިވާ ސަބަބެކެވެ.

އެޑިޑާސްގެ ތިންވަނަ ކުއާޓަރުގެ ވިޔަފާރި %11 އިތުރުވެ 6.4 ބިލިއަން ޔޫރޯއަށް އަރާފައިވާއިރު، މުޅި އަހަރުގެ ސާފު އާމްދަނީ އަރާނީ 500 މިލިއަން ޔޫރޯއަށް ކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި އަހަރުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ޔޫރޯ ލިބޭނެ ކަމަށް މީގެކުރިން ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް އެޑިޑާސްއިން މިހާރު ލަފާކޮށްފައިވާ ގޮތުގައި ކުންފުނީގެ މިއަހަރުގެ ކަރަންސީ ނިއުޓްރަލް އާމްދަނީ އޭގެ ކުރީއަހަރާއި ބަލާއިރު ދަށްވާނެއެވެ.

އެޑިޑާސްގެ އައުޓްލުކް އަށް ބޮޑު ބަދަލެއް އައިސްފައި ވަނީ ރެޕާ އަދި ފެޝަން ޑިޒައިނަރު ކާންޔޭ ވެސްޓާއެކު ކުންފުނީގެ ވިޔަފާރި ޕާޓްނަޝިޕް ރިވިއު ކުރަން ނިންމާފައިވާކަން މި މަހުގެ 6 ވަނަ ދުވަހު އިއުލާން ކޮށްފައިވަނިކޮށެވެ.