ޚަބަރު

އެންމެ ފަރުދަކު ކޮށްލާ ހެޔޮކަމަކުންވެސް މުޅި މުޖުތަމައުއިން އޭގެ ހެޔޮ އަސަރު ފެނިދާނެ: ނައިބު ރައީސް


ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްކުރާ ބަޔަކަށްވުމަކީ ކޮންމެ ދަރިވަރެއްގެވެސް އަަޒުމަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިފަދައިން ވިދާޅުވީ "ދަ ލީޑަރ އިން މީ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙުކުރުމަށް ތާޖުއްދީން ސްކޫލުގެ ހޯލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ކޮންމެ ޤައުމެއް އަދި ކޮންމެ މުޖުތަމަޢުއެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި އެ މުޖުތަމަޢުއެއްގެ ޒުވާނުންނާ ބޮޑެތިވަމުން އަންނަ ޖީލުގެ ދައުރާ ބައިވެރިވުން މުހިއްމުކަމަށެވެ.

ޤައުމީ ޒުވާނުންގެ ދުވަހާވެސް ގުޅުވާ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސްކޫލް ދައުރު ފުރިހަމަކުރާ ކޮންމެ ދަރިވަރަކުވެސް ތައްޔާރުވާންވީ ޤައުމުދެކެ ލޯބިވާ ޤައުމަށް ޚިދުމަތްތަކެއް ކޮށްދެވޭ، ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭފަދަ ފަޚުރުވެރި ދަރިއަކަށްވުމަށްޓަކާކަން ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ދަރިވަރަކީ މުހިއްމުކަން ކުޑަ ކުއްޖެއް ނޫންކަމަށާއި، އެންމެ ފަރުދަކު ކޮށްލާ ހެޔޮކަމަކުން ނުވަތަ ދައްކާ ރީތި ނަމޫނާއަކުންވެސް މުޅި މުޖުތަމަޢުން އޭގެ ހެޔޮ އަސަރު ފެނުމުގެ ފުރުޞަތު އޮންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ޤައުމީ ލޯތްބާއެކު ޤައުމިއްޔަތު އެއީ ތިމާގެ ކުރިމަތީގައި އޮތް އެންމެ މުހިއްމުކަން ކަން ދަނެގެން އެ މަސައްކަތްކޮށްފިކަމަށްވަންޏާ މުޅި ޤައުމުގެ އެންމެން މަގުމައްޗަށް ކުންޏެއް ނޫކާނެ، އަދި އާއްމު މުޖުތަމަޢުގެ ތެރޭގައި ހިފަހައްޓަންޖެހޭ އަގުތަކާ ހިފަހައްޓަންޖެހޭ އަޙްލާޤު ހުރިހާ އެންމެން ހިފަހައްޓާނެ. އޭރުން ދެން އަޅުގަނޑުމެންނަށް ފެންނާނީ ވަރަށް ރީތިކޮށް އޮންނަ މުޖުތަމަޢެއް. އެކަކު އަނެކަކަށް އިޙްތިރާމްކޮށް އަޅާލާ މުޖުތަމަޢުއެއް. ދެން ކޮންމެ ކުއްޖަކުވެސް އޭރުން ފެނިގެންދާނީ ޤައުމަށް ޚިދުމަތްކުރާ ކުއްޖެއްގެގޮތުގައި" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި ސްކޫލު އުމުރަކީ އެއީ ޚާއްސަކޮށް ތިމާގެ ގައިގައި ރަނގަޅު އަޙްލާޤާއި، ރަނގަޅު ސިފަތައް އަށަގެންނެވުމަށްޓަކާ އެންމެ ރަނގަޅު އުމުރުކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ހެޔޮ ކަންކަން ދަސްކޮށް މުޖުތަމަޢުގައި ތިމާއަކީ ބޭނުންތެރި މީހެއްގެ ގޮތުގައި އުޅުމަށްޓަކާ ލިބޭ އެންމެ ރަނގަޅު ފުރުޞަތުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން އަލަށް މި ފެށި ޕްރޮގްރާމުގެ ފުރިހަމަ ބޭނުން ހިފުމަށް ނައިބު ރައީސް ވަނީ ހުރިހާ ސްކޫލް ދަރިވަރުންނަށް ގޮވާލައްވާފައެވެ.