ކުޅިވަރު

ފްރޭންކް ރިބެރީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި


ފްރާންސްގެ ލެޖެންޑް ފްރޭންކް ރިބެރީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ރިބެރީ ކުޅުން ހުއްޓަލާފައިވަނީ އޭނާއަށް ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅު ނުވެ ގިނަދުވަސް ވަމުންދާތީއެވެ.

އިޓާލިއަން ސެރީއާގެ ސެލެރްނިޓާނާއަށް މި ސީޒަންގައި ކުޅެމުންދިޔަ ރިބެރީ ވަނީ ކަކުލަށް ދިމާވަމުންދާ މައްސަލައާއި ގުޅިގެން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުންވެސް އުވާލާފައެވެ.

ރިބެރީ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅުނު ދުވަސްވަރުއެވެ. މިގޮތުން އޭނާވަނީ ބަޔާންއަށް 425 މެޗް ކުޅެދީ 124 ލަނޑު ޖަހާދި 182 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާ ބަޔާން އަށް ކުޅެފައިވަނީ 2007 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ދެމެދުއެެވެ. އަދި 2013 ވަނަ އަހަރު އެކްލަބާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ބުންޑަސްލީގާގެ ތަށި 9 ފަހަރު ބަޔާން އާއެކު އުފުލާލާފައިއެވެ.

ރިބެރީ ބަޔާންއަށް ސޮއިކޮށްފައިވަނި ފްރެންޗް ލީގުގެ އޮލިމްޕިކް ޑި މާސޭއިން 2007 ވަނަ އަހަރުގެ ޖޫން މަހު 17 މިލިއަން ޕައުންޑްގެ އަގަކަށެވެ. ރިބެރީ ވަނީ ފަރަންސޭސި ޤައުމީ ޓީމަށް 81 މެޗް ކުޅެދީ 16 ލަނޑު ޖަހާދީ 25 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި 2006 ވަނަ އަހަރު ފީފާ ވާރލްޑް ކަޕްގެ ފައިނަލްގައި ވާދަކުރި ޓީމްގައި ރިބެރީ ހިމެނުނެވެ. އަދި ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ 2014 ވަނަ އަހަރުއެވެ.

ރިބެރީ ޓްވިޓަރގައި ހާމަކޮށްފައިވާ ގޮތުގައި ބޯޅަ ހުއްޓުނު ނަމަވެސް އިހްސާސްތަކަކަށް ހުއްޓުމެއް ނެތް ކަމަށެވެ.