ޚަބަރު

ލަންކާގެ އިންފްލޭޝަން ރެކޯޑު އަދަދަކަށް މަތިވެއްޖެ


ސްރީލަންކާގެ ނެޝަނަލް ކޮންސިއުމަރ ޕްރައިސް އިންޑެކްސް، އެންސީޕީއައި ސެޕްޓެމްބަރު މަހު %73.7 އަށް މަތިވެފައިވާކަމަށް ލަންކާގެ ސްޓެޓިސްޓިކް ޑިޕާޓްމަންޓުން ބުނެފިއެވެ. އޮގަސްޓު މަހު މި އަދަދު ހުރީ %70.2 ގައެވެ.

ކާބޯތަކެތީގެ އަގު ސްރިލަންކާގައި މިދިޔަ އޮގަސްޓު މަހު ހުރީ %84.6 ގައެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ %85.8 އަށް އުފުލިފައެވެ. އަދި ކާބޯތަކެތި ފިޔަވައި އެހެނިހެން ބާވަތްތަކުގެ މުދަލުގެ އަގުތައްވަނީ %62.8 އަށް އުފުލިފައެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރާސިންހަ ބުރާސްފަތި ދުވަހު ވިދާޅުވިގޮތުގައި އެ ޤައުމުގެ އިންފްލޭޝަން މަތިވެފައިވީ ނަމަވެސް މި މަހު އިންފްލޭޝަން ދަށްވާނެއެވެ. ލަންކާގެ ތަކެތީގެ އަގުތަކަށް އަންނަ ބަދަލު ކޮންމެ 21 ދުވަހަކުން، ނޭޝަނަލް ކޮންސިއުމާ ޕްރައިސް އިންޑެކްސް، އެންސީސީޕީއައި އިން ހާމަ ކުރެއެވެ. އަދި ކޮންމެ މަހެއްގެ ފަހުކޮޅު ނެރޭ ކޮލަމްބޯ ކޮންސިއުމާ ޕްރައިސް އިންޑެކްސް، ސީސީޕީއައި އޮގަސްޓް މަހު ވަނީ %69.8 އަށް މައްޗަށް ގޮސްފައެވެ.

އަންދާޒާ ކުރި ވަރަށް ވުރެ އިންފްލޭޝަންގެ އަދަދުތައް މަތިވި ނަމަވެސް، އަންނަ މަހު މަރުކަޒީ ބޭންކުން ރޭޓްތައް ބޮޑުކުރަން ޖެހިދާނެ ކަމަކަށް ނުބެލެވޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ރޮއިޓާސް ނިއުސް އަށް ވިދާޅުވިއެވެ.

ސްރިލަންކާގައި ކަރަންޓާއި ފެނުގެ އަގު އޯގަސްޓް މަހު ވަނީ ބޮޑުކޮށްފައެވެ. މިއާއިއެކު ސެޕްޓެމްބަރު މަހު ވަނީ ޓެލެކޮމިއުނިކޭޝަންގެ ޓެކްސް ބޮޑުކޮށްފައެވެ. އަދި ތަކެތީގެ އަގުތައް އުފުލިގެން ދިޔައީ ޓެކްސް ބޮޑުވުމުން ކަމަށް އިންވެސްޓް ފާމް، ފަސްޓް ކެޕިޓަލްގެ ރިސާޗު ހެޑް ޑިމަންތާ މެތިއު ވިދާޅުވިއެވެ. ނަމަވެސް، ލަންކާގެ އިޤްތިޞާދު ހަމައަކަށް އެޅެމުން އަންނަ ކަމަށާއި އެހެންކަމުން މަރުކަޒީ ބޭންކުން ރޭޓްތައް ބޮޑުކުރާނެ ކަމަކަށް ނުބެލެވޭ ކަމަށް މެތިއު ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހުން ފެށިގެން އިންފްލޭޝަންގެ ސްޕީޑް ދަށްވާނެ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ޑެފިސިޓް ކުޑަކޮށް އިޤްތިޞާދީ ދުވެލި މިހާރަށް ވުރެ ހަލުއި ކުރުމަށް ޑައިރެކްޓް ޓެކްސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދީ ސިޔާސަތުތަކާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ކާޑުގެ ބާވަތްތަކާއި ތެލާއި ގަސްކާނާ އާއި ބޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ގާތްގަނޑަކަށް 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއާއެކު މިދިޔަ ސެޕްޓެމްބަރު މަހު އެ ޤައުމުން ވަނީ ވަގުތީ އެއްބަސްވުމަކަށް އައިސްފައެވެ.