ކުޅިވަރު

ބްރައިޓަން ބަލިކޮށް ސިޓީން އާސެނަލާ ޕޮއިންޓަކާ ގާތަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ޕޮއިންޓަކާ ގާތަށް ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބްރައިޓަންއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ސިޓީންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހުނަރުވެރި ފޯވަޑް އަރލިންގ ހާލަންޑްއެވެ. އަދި އެޓީމްގެ ލީޑު މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފުޅާކޮށްދިނީވެސް ހާލަންޑްއެވެ.

މެޗްގައި ކާމިޔާބުކުރި މި ދެ ލަނޑާއެކު ހާލަންޑް ވަނީ ޕްރިމިއަރ ލީގުގައި މިހާތަނަށް 17 ލަނޑު ޖަހާފައެވެ. މެޗްގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. މި ލަނޑާއެކު ބްރައިޓަން އިން މެޗްގެ ނަތީޖާ ހަމަހަމަކުރެވޭތޯ ވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސިޓީން މިމެޗްގައި ޖެހި ތިންވަނަ ލަނޑާއެކު އެ އުންމީދު ބްރައިޓަންއަށް ގެއްލިގެންދިޔަ އެވެ. މި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހާދިނީ ކެވިން ޑި ބްރައިނަރ އެވެ.

މި ކާމިޔާބީއާއެކު ސިޓީން މިވަނީ މިހާތަނަށް ކުޅުނު 11 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގަ އުޅޭ އާސެނަލް އާއި އެއް ޕޮއިންޓަށް ގާތްކޮށްފައެވެ. ނަމަވެސް މިރޭ އާސެނަލް ކުޅޭ މެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ މި ފަރަގު އަނެއްކާވެސް ހަތަރު ޕޮއިންޓަށް އިތުރު ވެގެންދާނެއެވެ. މި ނާކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.